ޓެކްނޮލޮޖީގެ ދުނިޔެއަށް ސިހުން ގެނުވި ރޮބަޓް

ޓެކްނޮލޮޖީގެ ދުނިޔެއަށް ސިހުން ގެނުވި ރޮބަޓް

މިއީ މިހާރުގެ ޓެކްނޮލޮޖީގެ ދުނިޔެއަށް ލިބުނު ބޮޑު ސިހުމެކެވެ. ރޮބޮޓިކްސްގެ ދާއިރާގައި މިހާތަނަށް ގެންގުޅުނު އެންމެ އަސާސީ އުސޫލު، ސައިންސްވެރިން މިވަނީ މުޅިން ބަދަލު ކޮށްލާފައެވެ.

އާންމުކޮށް ރޮބޮޓެއް އުފައްދަނީ ކޮމްޕިއުޓަރު ޗިޕަކާއި، އޭގެ ތެރޭގައި އަޅާފައި ހުންނަ ކޯޑުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައެވެ. ނަމަވެސް، މިފަހަރުގެ ތަޖުރިބާ މުޅިން ތަފާތެވެ. ސައިންސްވެރިން ވަނީ ދިރޭ "ކިންގް އޮއިސްޓާ" މަޝްރޫމެއްގެ މައިސީލިއަމް (މަޝްރޫމްގެ ވިއުގަ) ނަގައި، އެ އެއްޗެއް މެކޭނިކަލް ހަށިގަނޑަކާ ގުޅުވާލާފައެވެ.

އޭގެ ފަހުން އެމީހުން ކުރި ކަމަކީ އެއަށް ގޮތް ކިޔައިދިނުމުގެ ބަދަލުގައި، އެއީ އަމިއްލައަށް ކަންކަން ކުރާނެ ގޮތް ދޫކޮށްލުމެވެ. އެ މަޝްރޫމް ކުރީ އެ ފަންގަސްތައް ލައްކައެއްހާ އަހަރު ވަންދެން ކުރަމުން އައި ކަމެވެ. އަލި ހޯދުމަށް މަސައްކަތް ކުރުމާއި، ހުރަސްތަކުން ދުރުވުމެވެ. އެ ގުދުރަތީ އިންސްޓިންކްޓް ނުވަތަ ޠަބީޢީ ވިސްނުން، މިފަހަރު ބޭނުންކުރީ އެ ރޮބޮޓް ހިންގުމަށެވެ.

މި ރޮބޮޓުގެ ތެރޭގައި އެއްވެސް ކަހަލަ އާޓިފިޝަލް އިންޓެލިޖެންސެއް ނެތެވެ. ލިޔެފައިވާ ކޯޑެއް ނެތެވެ. އެއްވެސް ޓްރެއިނިންގް ޑޭޓާއެއްވެސް ނެތެވެ. މިއީ ހަމައެކަނި ދިރޭ އެއްޗެއްގެ ގުދުރަތީ ގާބިލު ކަމުން، މެކޭނިކަލް ހަށިގަނޑެއް ހިންގުމެވެ.

މިކަމުގެ ނަތީޖާ އަކީ ވަރަށް ބޮޑު ބަދަލެކެވެ. ކޮމްޕިއުޓަރު ޗިޕްތަކަކީ ވަރަށް ނާޒުކު އެއްޗެހިތަކެކެވެ. އެކަމަކު މަޝްރޫމަކީ އެހެން އެއްޗެއް ނޫނެވެ. އޭގެ މައިސީލިއަމްތަކަށް ރޭޑިއޭޝަންގެ ތެރޭގައި ވެސް، ވިހަ ފެތުރިފައިވާ މާހައުލުތަކުގައި ވެސް، އަދި އެއްވެސް އަލިކަމެއް ނެތް އަނދިރިކަމުގައި ވެސް ފުރިހަމައަށް މަސައްކަތް ކުރެވޭނެއެވެ.

އިންސާނުން މިވީ ދިހަވަރަކަށް އަހަރު ދުވަހު މަސައްކަތް ކުރީ ކޮމްޕިއުޓަރު ޗިޕްތަކަށް ނުރައްކާތެރި މާހައުލުތަކުގައި ނެވިގޭޓް ކުރަން ދަސްކޮށްދިނުމަށެވެ. ނަމަވެސް، އަސްލު ޖަވާބު އޮތީ މާ ފަސޭހައިންނެވެ. އަހަރެމެން ކުރަންވީ ކަމަކީ ޗިޕްތަކަށް ދަސްކޮށްދޭން އުޅުމުގެ ބަދަލުގައި، ގުދުރަތީ ގޮތުން އެ ހާލަތުތަކުގައި ދިރިހުރެވޭ ފަންގަސްތަކަށް "ފައި ލައިދީ"، އެ އެއްޗެހި ދޫކޮށްލުމެވެ.

މިއީ ރޮބޮޓިކްސްގެ މުސްތަގުބަލު މުޅިން އާ މިސްރާބަކަށް ދާނެކަމުގެ ފެށުމެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *