އެމެރިކާގެ ޢުދުވާންތަކަށް ރައްދުދިނުމުގެ ގޮތުން ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި އީރާނުން އަނެއްކާވެސް ބަންދުކޮށް، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ފީފާއަކުން 2 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
މި ގޮތުން ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު 95.40 ޑޮލަރަށް، އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓް (ޑަބްލިޔުޓީއައި) ފީފާއެއްގެ އަގު 92.63 ޑޮލަރަށް ވަނީ އުފުލިފައެވެ.
އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން ބުނީ، ތެހެރާނުގެ ހުޅަނގުގެ ސަރަޙައްދުތަކާއި އައިއާރްޖީސީގެ މަރުކަޒުތަކަށް އެމެރިކާއިން ދިން ޙަމަލާތަކުގެ ރައްދުގައި، އެމެރިކާގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ބޭނުންކުރާ އުރުދުންގެ އަލް-އަޒްރަޤް ވައިގެ ބަނދަރަށް 12 ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޙަމަލާދީ، ގިނަ އަދަދެއްގެ މަތިންދާބޯޓުތައް ހަލާކުކޮށްލާފައިވާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން މި ދަޢުވާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އައިއާރްޖީސީން ބުނިގޮތުގައި، ކުވަޔިތާއި ބަޙްރަޔިންގެ ވައިގެ ބަނދަރުތައް ހިމެނޭ ގޮތަށް އެމެރިކާގެ 18 އަސްކަރީ އަމާޒަކަށް ޙަމަލާދީފައިވެއެވެ. ޙަމަލާތައް ޕެޓްރިއަޓް ވައިގެ ދިފާޢީ ނިޒާމުތަކާއި މުވާޞަލާތީ ވަޞީލަތްތަކަށް ވެސް އަމާޒުކޮށްފައިވާއިރު، ބަޙްރަޔިންގައި އޮންނަ އެމެރިކާގެ ފިފްތު ފްލީޓަށް ވެސް ޙަމަލާދިންކަމަށް ވަނީ ބެލެވިފައެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަން ޢިއުލާނުކޮށް، ތިމާމެންގެ އަންގުމާ ޚިލާފަށް ހުރަސްކުރަން މަސައްކަތްކުރި ދެ އުޅަނދަކަށް ޙަމަލާދީފައިވާ ކަމަށް ވެސް އައިއާރްޖީސީން ބުންޏެވެ. ދެ ފަރާތުގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާ ހިނދު، އީރާނުގެ އަސްކަރިއްޔާއިން ބުނީ، ކޮންމެ ޢުދުވާނީ ހަމަލާއަކަށް "ފުނޑުފުނޑުކޮށްލަނިވި" ރައްދެއް ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.





