ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ޓޯނަމަންޓް" ގެ ފައިނަލްގައި އަފްޣާނިސްތާން 2-0 އިން ބަލިކޮށް، ޕާކިސްތާނުން މުބާރާތުގެ ތަށި މިރޭ އުފުލާލައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފައިނަލް މެޗަކީ ފާއިތުވި 37 އަހަރު ތެރޭގައި ޕާކިސްތާނުގެ ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މިއީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްއަށް ފަހު އެ ގައުމުން ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޕާކިސްތާނަށް ކުރި ހޯދައިދިނީ މެޗުގެ 24 ވަނަ މިނެޓުގައި ޝަޔާކް ދޯސްތެވެ. އޯޓިސް ޚާން ފޮނުވާލި ހަމަލާއެއް އަފްޣާން ކުޅުންތެރިއަކު ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިބުނު ފުރުސަތެއްގައި ޝަޔާކް ވަނީ ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރަން އަފްޣާނިސްތާނަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެ ޓީމުގެ އޮމިދު މުސާވީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޕާކިސްތާނުގެ އަދުނާން ނަބީ ފޮނުވާލި ބޯޅަވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
މެޗުގެ ފަހުކޮޅު އަފްޣާނިސްތާނުން ނަތީޖާ އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ޕާކިސްތާނުގެ ތަޖުރިބާކާރު ގޯލްކީޕަރު ސާގިބް ހަނީފް ވަނީ ހުޝިޔާރުކަމާއެކު ހަމަލާތައް ދިފާއުކޮށްފައެވެ.
ޕާކިސްތާނުން މެޗުގެ ނަތީޖާ ކަށަވަރުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ ތެރޭގައެވެ. ކައުންޓަ އެޓޭކެއްގައި ހާރޫން ރާޝިދު ވަނީ ބޯޅަ ގޯލަށް ފޮނުވާލައި ޕާކިސްތާންގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މި މުބާރާތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ހާރޫން ޖެހި ތިންވަނަ ލަނޑެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް އެއްވަރުވި ނަމަވެސް، އޭގެ ފަހުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕާކިސްތާނުން ތަށި އުފުލައި މުބާރާތް ނިންމާލީ މެޗަކުން ބަލިނުވެއެވެ.





