އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކުގެ ތެރެއިން، އަމީން ކޮންސްޓްރަކްޝަން އިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓުން އެއްވެސް މުއާމަލާތެއް ނުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މިއަދު އެ ކޯޓުން އެ މުރު ނެރެފައިވަނީ، އެފްއޭއެމް ހިޔާނާތުގެ މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި "މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ" ދައުވާ ދަށުކޯޓުން ސާބިތުނުވި މައްސަލަ ނިމެންދެންނެވެ. އެ މައްސަލަ މިހާރު އޮތީ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފައެވެ.
އެފްއޭއެމް ހިޔާނާގުޅިގެން އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް މިދިޔަ ޖެނުއަރީމަހުގެ ހަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ
ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި ކުރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކޮށްދިނުމަށެވެ.
މި އިސްތިއުނާފީ މައްސަލައާއެކު، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަން ގެ އަމީން އެވެނިއު އެޕާޓްމަންޓް A1205 އަދި A1206 އިން މުއާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ހައިކޯޓުގއި އެދުނުކަމަށް ޕްރޮސިކިއުޓާ ހޖެނެރަލްގެ އޮފީހުން މީގެކުއިން ބުނެފައިވެއެވެ. މި ގޮތަށް އެދިފައިވާނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ގެ 51 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
މިއަދު ހައިކޯޓުން ނެރުނު ވަގުތީ އަމުރަކީ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން އެދިގެން ނެރެފައިވާ އަމުރެކެވެ.





