ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ-މިއޮންގ، އެ ޤައުމުގެ ބޮޑުވަޒީރުކަމަށް އާ ބޭފުޅަކު ހަމަޖެއްސެވުމަށް ނިންމަވައިފިއެވެ.
ރައީސް ލީ މި މަޤާމަށް ނޮމިނޭޓް ކުރެއްވީ މިހާރުގެ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް މިނިސްޓަރު ހާން ސިއޮންގ-ސޫކް އެވެ.
މިހާރުގެ ބޮޑުވަޒީރު ކިމް މިން-ސިއޮކް މި މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މި މަޤާމުން ދުރުވެވަޑައިގަންނަވަނީ، މިއަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ ގެ ލީޑަޝިޕް އިންތިޚާބުގައި ވާދަކުރެއްވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
ހާން ސިއޮންގ-ސޫކް އަކީ ޓެކްނޮލޮޖީގެ ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ. ސަރުކާރާ ގުޅިވަޑައިގަތުމުގެ ކުރިން، އޭނާ ވަނީ ދެކުނު ކޮރެއާގެ މަޝްހޫރު އިންޓަނެޓް ކުންފުނި 'ނޭވަރ' ގެ ސީއީއޯގެ މަޤާމު އަދާކުރައްވާފައެވެ. ރައީސްގެ އޮފީހުން ބުނާ ގޮތުގައި، އޭނާގެ މި ތަޖުރިބާގެ ސަބަބުން ދެކުނު ކޮރެއާގެ އިޤްތިސާދު އާޓިފިޝަލް އިންޓެލިޖެންސް އަށް ބަދަލުކުރުމަށް އޭނާއަށް މުހިންމު ދައުރެއް އަދާކުރެވޭނެއެވެ.
ރައީސް ލީ އޭނާގެ ނަން ހުށަހެޅުއްވި ނަމަވެސް، މި މަޤާމު ރަސްމީކޮށް ކަށަވަރުވާނީ ޤައުމީ މަޖިލީހުގެ ( ރުހުން ލިބުމުންނެވެ. ޤައުމީ މަޖިލީހުން އޭނާއަށް ރުހުން ދީފިނަމަ، ހާން ވެގެންދާނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ދެކުނު ކޮރެއާގެ ބޮޑުވަޒީރުކަމާ ހަވާލުވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.





