ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ލީގު ބުރު ނިމިގެންދިޔައީ މެޗަކުން މޮޅުނުވެ، ރާއްޖެ ފުލުގައި އޮވެގެންނެވެ. ފަހު މެޗުގައި ރާއްޖެއާ އެއްވަރުވެ ބަންގްލަދޭޝް އަށް ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިފައިވެއެވެ
ގަލޮޅު ދަނޑުގައި ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ރާއްޖެ 1-1 އިން އެއްވަރުވި ނަތީޖާ ގެ ސަބަބުން، ކުޅިބަލަން ތިބި އަފްގާނިސްތާނަށް ވަނީ ފައިނަލުގެ ދެ ވަނަ ޖާގަ ލިބިފަ އެވެ. ހަމަ އެ ދުވަހު ހަވީރު ކުޅުނު މެޗެއްގައި ޕާކިސްތާން ވަނީ އަފްގާނިސްތާން 2-0 އިން ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ.
ފައިނަލަށް ދިއުމަށް ބަންގްލަދޭޝް އަށް ލިބިފައިއޮތް ހަމައެކަނި ފުރުސަތަކީ ރާއްޖެ ބަލިކުުރުމެވެ. އެ ނޫން ނަތީޖާއެއް ނުކުމެގެން ފައިނަލަަށް ދަނީ، އަފްގާނިސްތާން އެވެ. އެހެންކަމުން، ރޭގެ މެޗު އެއްވަރުވުމާ އެކު އެޓީމުވެސް ކެޓީ އެވެ.
ލީގު ބުުރު ނިމިގެންދިޔައިރު، ހަތް ޕޮއިންޓާ އެކު ޕާކިސްތާން އޮތީ އެއްވަނައިގަ އެވެ. ހަތަރު ޕޮއިންޓާ އެކު ދެވަނަ ހޯދީ އަފްގާނިސްތާން، އަދި ތިން ޕޮއިންޓް ހޯދި ބަންގްލަދޭޝް ތިން ވަނަގައި މުބާރާތް ނިންމާލިއެވެ. ތިން މެޗުން، ލިބުނު އެންމެ ޕޮއިންޓަކާއެކު ރާއްޖެ ވެއްޓިގެންދިޔައީ ފުލަށެވެ.
މެޗު ފެށިގެން ފުރަތަމަ ނުވަ މިނިޓު ތެރޭ ބަންގްލަދޭޝް ވަނީ ރާއްޖޭގެ ފަހަތަށް ނުރައްކާތެރި ތިން ހަމަލާ ފޮނުވާލައިފަ އެވެ. ނަމަވެސް ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފަށް ގިނަ ތަކްލީފެއް ކުރިމަތިނުވެ، ހަމަލާތަށް ދިޔައީ ބޭރަށެވެ.
ފުރަތަމަ ހާފުގައި ރާއްޖެ ވަނީ ލީޑް ހޯދައިފަ އެވެ. ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވަނީ ޕެނަލްޓީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތް މިނިޓު ތެރޭ ބަންގްލަދޭޝްގެ މިރާޖުލް އިސްލާމް ވެސް ވަނީ ޕެނަލްޓީ ލަނޑަކުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ވަނަ ހާފުގައި ދެ ޓީމު ވެސް ލީޑް ހޯދަން ގިނަ ފުރުސަތުތަކެއް ފަހިވި ނަމަވެސް، މެޗު ނިމިގެންދިޔައީ 1-1 ގެ ހަމަހަމަ ނަތީޖާއަކުންނެވެ.
ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެ ނިންމުންތަކާ މެދު ހިތްހަމަ ނުުޖެހި އެވަގުތު އެ ތަނުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ލުޅިބަލަން ވަދެތިބި ސަޕޯޓަރުން ވެސް ދަނޑަށް އެރި އެވެ. އަދި، ހަަމަނުޖެހުން ބޮޑުވެ އެކަން ކޮންޓްރޯލް ކުރަން ފުުލުހުން ދަނޑަށް އެރި އެވެ. އިރުކޮޅަކަށް ފަހު މެޗު ނިންމާލަން ރެފްރީ ނިންމުމާ އެކު، ބަންގްލަދޭޝް ކުޅުންތެރިން ވަނީ ރެފްރީ ވަށާލައިފަ އެވެ.





