ހއ. އުތީމު ނޫރާނީހިޔާ އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަންޖެހި ނުދައްކައިއޮތް 16.1 މިލިއަން ރުފިޔާގެ ދަރަނި އެފަރާތަށް ދައްކައި ހަލާސްކޮށްފިއެވެ.
މި މައްސަލައަކީ 16 އޭޕްރީލް 2024 އާ ހަމައަށް އެ ފަރާތުން އާރުޑީސީ އަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ނުދައްކައިއޮތް 16.1 މިލިޔަން ރުފިޔާ އާއި އިންވޮއިސްތަކާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން މަދަނީ އިޖުރައަތުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ފެންނަ އިންސާފުވެރި އަދަދެއް ކަނޑައަޅައި ނަގައިދިނުމަށް އެދި ގާނޫނީ ވަކީލަށް ހަރަދު ކުރަންޖެހޭ 1.6 މިލިޔަން ރުފިޔާ ހޯދުމަށް އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން އާރުޑީސީގެ މައްޗަށް ކުރި ދައުވާގެ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އާރުޑީސީން ދައުވާގެ ބަޔަކަށް އެއްބަސްވެ، މަޝްވަރާކޮށްގެން ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެން މަދުނޫން އަދަދެއް ދައްކައި ހަލާސްކުރުމަށް އާރުޑީސީން އެއްބަސްވިއެވެ.
އެ ފައިސާ ދައްކަން އާރުޑީސީން އެއްބަސްވި ނަމަވެސް، ފައިސާ ދައްކާނެ މުއްދަތެއް އާރުޑީސީން ހުށަހަޅާފައިނުވާތީ، އާރުޑީސީން އިއުތިރާފްވި ފައިސާ މި މައްސަލައިގެ ހުކުމް ކުރާތާ 30 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް އާރުޑިސީއަށް އަންގައި އަމުރުކޮށްދިނުމަށާއި، ގާނޫނީ ވަކީލަށް ހަރަދު ކުރަންޖެހޭ މިންވަރު ޝަރީއަތުގެ ހަރަދުގެ ގޮތުގައި 1.6 މލިޔަން ރުފިޔާ ނަގައިދިނުމަށް އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން ކޯޓަށް ހުށަހެޅިއެވެ.
އެކަމާގުޅިގެން އާރުޑީސީން ބުނީ 16.1 މިލިޔން ރުފިޔާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ. ނަމަވެސް ވަކީލުގެ ފީގެ ގޮތުގައި ހުށަހަޅާފައިވާ 1.6 މިލިޔަން ރުފިޔާއަކީ މާބޮޑު އަދަދަކަށްވާތީ ވަކީލުގެ ފީ ޝަރީއަތުން ނިންމައިދިނުމަށާއި ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން ފައިސާ ދައްކަން ލުއިގޮތްތަކެއް ހަދައި ދިނުމަށްވެސް އެދުނެވެ.
މި މައްސަލައިގައި 26 ސެޕްޓެމްބަރު 2024 ގައި ސިވިލް ކޯޓުން ހުކުމްކުރީ، 16.1 މިިލިޔަން ރުފިޔާ އާއި މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ގާނޫނީ ވަކީލަށް ހޭދަކޮށްފައިވާ 15،000 ރުފިޔާ އަކީ އާރުޑީސީން އަލީ އާތިފް (ނޮވެކްސާ މޯލްޑިވްސް) އަށް ދައްކަންޖެހޭ ފަިސާކަމަށް ކަނޑައަޅާ ކަމަށެވެ. އަދި 26 ސެޕްޓެމްބަރު 2024 ދުވަހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށްޖެހޭ ވަރަށްވުރެ މަދުނޫން އަދަދެއް ސިވިލްކޯޓަށް ދައްކަމުން ގޮސް މި ފައިސާ ހަލާސް ކުރުމަށްވެސް ހުކުމްގައި އާރުޑީސީއަށް އެންގިއެވެ.
ނަމަވެސް ދެ އަހަރު ވީއިރުވެސް ހުކުމާ އެއްގޮތަށް އާރުޑީސީން ފައިސާ ނުދައްކާ ކަމަށްބުނެ ކޯޓު މެދުވެރިކޮށް ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި އަލީ އާތިފް (ނޮވެކްސާ މޯލްޑިވްސް) ގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެކަމާ ގުޅިގެން ސިވިލްކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެފައިސާ މިހާރު އާރުޑީސީން ދައްކާފައިވާތީ ސިވިލްކޯޓޫން ކުރި ހުކުމް ތަންފީޒު ވެފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.





