ދުނިޔޭގެ މަސްރަހުގައި ހުރި ގޮންޖެހުންތަކާއި މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ތެރޭގައިވެސް ރާއްޖޭގެ އިގުތިސާދު ހަމަމަގުގައި ހިފެހެއްޓުމާއެކު، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އިދާރާ "ފިޗް ރޭޓިންގްސް" އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން މިއަދު މަތިކޮށްފިއެވެ.
ފިޗުން މިއަދު އިއުލާންކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް’އަށް ބަދަލުކޮށްފައެވެ.
ރާއްޖެ ޖޫން 2024 ވަނަ އަހަރު 'ސީސީސީ ޕްލަސް' ރޭޓިންގައި އޮތުމަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހު އެ ރޭޓިން ވަނީ 'ސީސީ’އަށް ދަށްކޮށްފައެވެ. އަދި 2025ގައި ވެސް 'ސީސީ’ގައި ރޭޓިން ވަނީ ދަމަހައްޓައިފައެވެ.
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ދަމަހައްޓައިފައިވަނީ ގައުމުގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކުމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރީ މި އަހަރުގެ އޭޕްރިލް މަހު އަނބުރާ ދައްކަން އޮތް ސުކޫކު ފައިސާގެ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ.
ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިން ރިޕޯޓުގައިވާ ގޮތުން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރަށް ހުރި ހުރަސްތަކާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގުތިސާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. މި ކުރިއެރުމުގެ މައިގަނޑު އަސާސަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުމާއި، އަލަށް ހުޅުވޭ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، އިންފްރާސްޓްރަކްޗަރަށް ގެނެވޭ ބޮޑެތި ބަދަލުތަކެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 4.5 އިންސައްތައިގައި ދެމިހުންނާނެއެވެ. މިއީ ދުރު ރާސްތާގެ މާކެޓުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ މަތީ ފަންތީގެ ފަތުރުވެރިން އިތުރުވަމުންދިއުމާ ގުޅިފައިވާ ހެޔޮ ބަދަލެއް ކަމަށް ފިޗުން ފާހަގަކުރެއެވެ.





