އެއްބަސްވުމަކަށް ނާދެވި، އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަ ވަނީ

އެއްބަސްވުމަކަށް ނާދެވި، އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަ ވަނީ

އިރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވައްޓާލައި، އަމިއްލަ ދިފާއުގައި އިރާނަށް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނިގޮތުގައި، ހޮރުމޫޒް ކަނޑުއޮޅީގެ ގޭޝްމް އައިލެންޑަށް ދިން ހަމަލާތަކަކީ، މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް އިރާނުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިރާނުން ބުނީ ބަދަލުހިފުމުގެ ގޮތުން ސަރަހައްދީ ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ހެލިކޮޕްޓަރުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް ސެންޓްކޮމް އިން ހާމަކުރި ގޮތުގައި، ތެހެރާނުން ކުވެއިތަށް ދެ މިސައިލް އަދި ބަހްރޭނަށް ތިން މިސައިލް ފޮނުވާލި ކަމަށާއި، ފޮނުވި ހުރިހާ މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލެވިފައިވާ ކަމަށް ނުވަތަ ހަމަލާދީ ވައްޓާލެވިފައިވާ ކަމަށެވެ.

މި ހަމަލާތައް ދީފައި މިވަނީ، މަސްތަކަކަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް މިދިޔަ ހަފުތާ ބަންދުގައި ކުރި މަޝްވަރާތައް ނާކާމިޔާބުވެ، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތްތައް ހުއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ކުރި ސުލްހައިގެ މަޝްވަރާތަކުން ނަތީޖާއެއް ނެރެވިފައިނުވާއިރު، ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ހުއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފި ނަމަ، އެ ކަމުގެ ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށެވެ. މަސްރަހު މިހާ ބޮޑަށް ހޫނުވެފައި މިވަނީ، އިރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި އެއީ އެމެރިކާއަށް ފައިދާހުރި އެއްބަސްވުމަކަށް ވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފުތާގައި އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ހަމަޖެހިލައިގެން ތިބުމަށް ގޮވާލައްވާފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *