ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރެއްވި މެމޯއެއް ހުރިހާ ޑިޕާޓްމަންޓަކަށް ވަނީ ފޮނުއްވައިފައެވެ.
އެ މެމޯގައިވާ ގޮތުން، ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވަނީ މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހު މެންދުރުުފަހު 15:00ގެ ނިޔަލަށެވެ. ވަކިވާން ބޭނުންވާ މުވައްޒަފުން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހެޅުމަށް ވަނީ އަންގައިފައެވެ.
ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްވާއިރު، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެފައިވަނީ، ފެނަކައިގައި މިހާރު ވެސް 8،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ޕީސީބީއަށް އަންގައިފައެވެ. ރާއްޖޭގެ ސިވިލް ސާވިސްގައި 30،312 މުވައްޒަފުން ތިބިއިރު، ކުންފުނިތަކުގެ މުވައްޒަފުންނާ އެކު ސަރުކާރު ވަޒީފާތަކުގެ ޖުމްލަ 72،312 އަށް އަރައެވެ.
އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، ދައުލަތުގެ ފައިސާގެ ބޮޑު ބައެއް މުސާރައަށް ޚަރަދުވުމުން ގައުމުގެ ތަރައްގީ މަޑުޖެހުމުގެ ނުރައްކާ އެބަ އޮތެވެ. ދަރަނި ބޮޑުވަމުންދާ މި ދަނޑިވަޅުގައި ޚަރަދުތައް ކުޑަކުރުމަށް ބޭރުގެ އިދާރާތަކުން ގޮވާލަމުން ދިޔަ ނަމަވެސް، ސަރުކާރުގެ ބައެއް އިސްލާހުތައް ވަނީ އަދިވެސް މާ ލަސްކަން ފާހަގަކުރަން ޖެހެއެވެ..





