ލޯންޗަކާއި ސަޕްލައި ދޯންޏެއް ޖެހިގެން އިއްޔެ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައި، ޖިނާއީ އަދި މަދަނީ ތަހުގީގެއް ހިންގާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ހެނދުނު ހިނގި މި އެކްސިޑެންޓްގައި ދޯނި ޖެހުނީ ދެ މީހުންނާ އެކު ދަތުރުކުރަމުން އައި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. ލޯންޗުގައި ޖެހުމުންވެސް މަޑުނުކޮށް އެ ދޯނި ދިޔައީއެވެ. އެކަމާއި ގުޅިގެން އެކްސިޑެންޓަށް ފަހު، އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
ނަމަވެސް ފުލުހުން މިއަދު ބުނީ އެ ދޯނި ދުއްވި ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އެ ހާދިސާގެ މަދަނީ އަދި ޖިނާއީ ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދާ ކަމަށްވެސް ބުންޏެވެ.
އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިންނެވެ. އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
އެ އެކްސިޑެންޓުގައި ލޯންޗަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެ ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ "ފުނޑުފުނޑުވެފަ" އެވެ. ދޯންޏަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.





