ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗާ އެކު ގައުމީ ޓީމަށް 100 މެޗު ހަމަކޮށް، ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދައިފިއެވެ.
އުމުރުން 40 އަހަރުގެ ދަގަނޑޭ އަކީ މި ޝަރަފް ހޯދި ރާއްޖޭގެ ދެ ވަނަ ކުޅުންތެރިޔާއެވެ. ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ވަނީ 109 މެޗު ގައުމީ ޖޯޒީގައި ހަމަކޮށް، މި ޝަރަފް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ގޮތުގައި ތާރީޚުގައި ލިޔެވިފައެވެ. ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ދުނިޔޭގެ ފެންވަރުގެ ތަރިން ވެސް ހިމެނޭ މި ލިސްޓުން ދަގަނޑޭ ޖާގަ ހޯދީ 2003 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ހިސާބުން ފެށިގެން ކުރި ދިގު ދަތުރަކަށް ފަހުގައެވެ.
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ މި މުބާރާތުގައި އަފްގާނިސްތާން އަތުން 1-0 އިން ރާއްޖެ ބަލިވި މެޗުގައި ދަގަނޑޭ ކުޅެން އެރީ ފަހު ކޮޅުގައި ބަދަލަކަށެވެ. އަނިޔާގެ ސަބަބުން ތިން އަހަރު ދުރުގައި ހުރުމަށް ފަހު، ގިނަ އޮޕަރޭޝަންތަކެއް ކޮށް، 100 މެޗު ހަމަކުރުމުގެ އެއް އަމާޒުގައި އެނބުރި އައިސް މި ލަނޑުދަނޑި ހާސިލްކުރީ ހިތްވަރާ އެކުގައެވެ.
އުރްބާނީ ބުނީ މީގެ ފަސް ވަރަކަށް މަސް ކުރިން އޭނާ ރާއްޖޭގެ ގައުމީ ކޯޗުކަމާއި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވާން ރާއްޖެ އައުމާ އެކު، ދަގަނޑޭގެ މެސެޖެއް ލިބުނު ކަމަށެވެ. އަދި، އޭނާއާ ބައްދަލުކުރަން ދަގަނޑޭ އެދުނު ކަމަށް ވެސް އުރްބާނީ ވަނީ ބުނެފަ އެވެ.
"އަހަންނަށް ނޭނގޭ ސަބަބެއް މި ބައްދަލުކުރަން އެދުނު. އެކަމަކު، އަހަރެން ބުނިން ކޮންމެ ވަގުތަކު ވެސް ބައްދަލުކުރެވޭނެއޭ. އެއީ، އަހަރެން އޭނައަށް ކުރާ އިހުތިރާމެއްގެ ސަބަބުން،" ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުންޏެވެ.





