16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރަނީ

16 އަހަރުން ދަށުންގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ބަންދު ކުރުމަށް އަަޅާންޖެހޭ ފިޔަވަޅުތައް އެޅުމަށް ގާނޫނު ތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ސަރުކާރުން ކުރަމުން އަންނަ މުހިއްމު ބައެއް ކަންތައްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި އުސޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި، ކުޑަ މުޖުތަމައެއް ކަމަށެވެ. އެހެން ކަމުން، މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ކުރަން އިސްކަންދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ އުސޫލުތަކަށް ރިއާޔަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ރާއްޖޭގައި ބޭނުން ކުރުން މަނާ ކުރުމަށް ފިޔަވަޅު އަޅަން ނިންމެވީ ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެކަމަކީ އަބަދުވެސް ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައިވެސް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސޯޝަލް މީޑިއާގެ ނުރައްކާތަކަށް ކުޑަކުދިން ވަރަށް ބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ.

ހާއްސަކޮށް ސައިބާ ބުލީން އަކީ، ކުދިންގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަ ކުރައްވައި، އެފަދަ ކަންކަމުން ކުދިން ރައްކާތެރި ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޮންލައިންކޮށް ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިންގެ ނުރައްކަލަކީ މުޖުތަމައަށް އޮތް ބޮޑު ގޮންޖެހުމެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަކީ ދައުލަތުގެ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އާންމު ރައްޔިތުން ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މި ނުރައްކަލުން ޒުވާނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންނުކުރެވޭ ގޮތަށް ހެދުމަށް ނިންމައި، މި ސިޔާސަތު އެކުލަވާލުމުގައި އޮސްޓްރޭލިއާއިން މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، ކަމާގުޅޭ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި މިކަމާ ގުޅޭ މަސައްކަތްތައް ނިންމައި، އުންމީދު ކުރަނީ ގިނަވެގެން އެއް އަހަރު ނުވަތަ އެއައްވުރެއްވެސް އަވަހަށް މިއަހަރު ތެރޭގައި އަމަލީ ގޮތުން އެންފޯސް ކުރެވޭނެ ކަމަށް. 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓޭލިއާގައި އޮތް ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާގެ އެޕްތައް ބޭނުން ކުރުމުގައި ބޭން ކުރުމުގެ ކަންކަން ކުރުން، އޭގެ މާނައެއް ނޫން ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުމަކީ، އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވަސް 2.0″ ރައީސް ވިދާޅުވިއެވެ.

މި އާ ނިޒާމުގެ ސަބަބުން ކުދިންގެ ތައުލީމީ ކުރިއެރުމަށާއި، އިންޓަނެޓުގެ ޒަރިއްޔާއިން އާ ހުނަރުތައް ދަސްކުރުމަށް އެއްވެސް ހުރަހެއް އެޅިގެން ނުދާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *