33 ފިރިހެން ކުދިންގެ އޮރިޔާން ވީޑިއޯ އާއި ފޮޓޯ ވިއްކި ދެމަފިރިން ދަންޖައްސައިގެން މަރާލަނީ

33 ފިރިހެން ކުދިންގެ އޮރިޔާން ވީޑިއޯ އާއި ފޮޓޯ ވިއްކި ދެމަފިރިން ދަންޖައްސައިގެން މަރާލަނީ

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ގެ ބަންޑާ ޑިސްޓްރިކްޓްގެ ޚާއްޞަ ޕޮކްސޯ ކޯޓުން، ފެބްރުއަރީ 2026 ގައި ވަނީ އެ ޤައުމުގެ ތާރީޚުގައިވެސް ހިނގި އެންމެ ނާމާން އަދި ބިރުވެރި ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލައިގައި ކުށްވެރިވި ދެމަފިރިއަކަށް މަރުގެ އަދަބު އިއްވައިފިއެވެ.

މި ދެމަފިރިން ވަނީ 33 ފިރިހެން ކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ބަދުއަޚުލާޤީ ވީޑިއޯތައް އިންޓަނެޓްގެ ކަޅު ބާޒާރު ނުވަތަ "ޑާކް ވެބް" ގައި ވިއްކާފައެވެ. މިއީ އިންޑިއާގެ ޤާނޫނުގައި މަރުގެ އަދަބު ދެވޭ އެންމެ ނާދިރު ޙާލަތްތަކަށް ނިސްބަތްކޮށް ބޭނުންކުރާ "ރެއަރެސްޓް އޮފް ރެއާ" މައްސަލައެއްގެ ގޮތުގައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި މަރުގެ އަދަބު އިއްވާފައިވަނީ ރާމް ބަވަން (ކުރީގެ ސަރުކާރުގެ ޖޫނިއާ އިންޖިނޭރެއް) އަދި އޭނާގެ އަންހެނުން ދުރުގާވަތީގެ މައްޗަށެވެ. މިއީ ބޭރު ފުށުން އާދައިގެ ދެމަފިރިންގެ ގޮތުގައި ދިރިއުޅެމުން ދިޔަ ނަމަވެސް، އެތައް އަހަރެއް ވަންދެން ވަރަށް ރޭވުންތެރިކަމާއެކު ކުޑަކުދިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ ބައެކެވެ.

މި ދެމަފިރިން 2010 އަކުން ފެށިގެން 2020 އާ ހަމައަށް ބަންޑާ އަދި ޗިތުރަކޫޓް ސަރަޙައްދުގެ ފަގީރު ޢާއިލާ ތަކުގެ ފިރިހެން ކުދިންނަށް އަމާޒުކޮށް، އެކި ކަހަލަ ހަދިޔާ އާއި ފައިސާ ދީގެން ގާތްކަން އުފެއްދިއެވެ.

އެ ކުދިންނަށް ބިރުދައްކައި، ޖިންސީ ގޯނާ ކުރުމަށްފަހު، 2 ލައްކައަށްވުރެ ގިނަ ބަދުއަޚުލާޤީ ވީޑިއޯ އާއި ފޮޓޯ އުފައްދާ، ދުނިޔޭގެ 47 އަށްވުރެ ގިނަ ޤައުމުގެ ކްލައިންޓުންނަށް "ޑާކް ވެބް" މެދުވެރިކޮށް ބޮޑު އަގުގައި ވިއްކިއެވެ.

މި ބޮޑު ޖަރީމާ ފަޅާއެރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލަށް ލިބުނު ޑިޖިޓަލް މައުލޫމާތުތަކެއް އިންޑިއާގެ ސީ.ބީ.އައި އާ ޙިއްސާ ކުރުމުންނެވެ.

ސީ.ބީ.އައި އިން ނޮވެމްބަރު 2020 ގައި ރާމް ބަވަން ހައްޔަރު ކުރިއެވެ. އަދި އޭގެ ފަހުން އޭނާގެ އަންހެނުން ދުރުގާވަތީ ހައްޔަރުކުރީ ހެކި ނައްތާލަން އުޅުމާއި، މައްސަލައިގެ ހެކިންނަށް ބިރުދައްކަން މަސައްކަތް ކުރުމުގެ ސަބަބުންނެވެ. ފުލުހުންގެ ތަޙުޤީޤަށް އެމީހުން ބޭނުން ކުރި ގިނަ އަދަދެއްގެ ހާޑް ޑްރައިވްތަކާއި ޑިޖިޓަލް ހެކިތައް ވަނީ ފެނިފައެވެ.

މި މައްސަލަ ބަލާފައިވަނީ ކުޑަކުދިން ޖިންސީ ގޯނާއިން ރައްކާތެރި ކުރުމުގެ ޚާއްޞަ ޤާނޫނު ޕޮކްސޯ އެކްޓް ގެ ދަށުން ބަންޑާގައި ހުންނަ ޚާއްޞަ ކޯޓުންނެވެ.

"ހިންގާފައި މި ވަނީ އިންސާނިއްޔަތާ ޚިލާފު، ރޭވުންތެރި އަދި އެހާމެ ނާޖާއިޒު ޢަމަލެކެވެ. މިއީ މުޖުތަމަޢަށް ދެވޭ ވަރަށް ނުރައްކާތެރި މެސެޖެކެވެ." ޚާއްޞަ ކޯޓުގެ ފަނޑިޔާރު ވިދާޅުވި އެވެ.

މި ކުށުގެ ނުރައްކާތެރިކަމާއި، ޝިކާރައަކަށްވި ކުދިންގެ އަދަދަށް ބަލައި، މިއީ އެއްވެސް ރަޙުމެއް ނެތް "ރެއަރެސްޓް އޮފް ރެއާ" މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި، ދެމަފިރިން ދަންޖައްސައިގެން މެރުމަށް ކޯޓުން ޙުކުމް ކުރިއެވެ.

މި މައްސަލައާއެކު އިންޑިއާގައި ކުޑަކުދިންގެ ރައްކާތެރިކަމާއި، އިންޓަނެޓްގެ ޒަރީޢާއިން ހިންގާ މިފަދަ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަނީ ކުރިއަށްވުރެ ވަރުގަދަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *