ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ނާއިބު ރައީސެއް މަޖިލީހަށް އިންތިހާބު ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް މިއަދު އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް އޭނާގެ އަމިއްލަ ޕާޓީ ޕީއެންސީ މަޖިލީހަށް ހުށަހެޅި މައްސަލަ، މިއަދުގެ ޖަލްސާގައި ފަށަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ.
ނާއިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ނެރުއްވި ނޫސް ބަޔާނެއްގައެވެ.
އެ ނޫސް ބަޔާނެއްގައި ވަނީ މަޖިލިސް ނާއިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް އޭނާގެ މައްޗަށް ޕީއެންސީ ކުރި ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެސް އޮތީ ނާއިމު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުން އެކަންޏެވެ.
އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތީން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެހެން ކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ނިމުނީ ކަމަށް މަޖިިލިސް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ވިދާޅުވީ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 1:00 ގައި ބާއްވާނެކަމަށެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު މިއަދުގެ ހެނދުނުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.
އެ ޖަލްސާއަކީ މަޖިލީހަށް އާ ނާއިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވަން ހަމަޖެއްސި ޖަލްސާއެކެވެ.
ނަމަވެސް މިއަދު 1:00 ގައި ބާއްވަން އޮތް މަޖިލިސް ޖަލްސާ ނޯންނާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންނަށް އަންގައިފައެވެ. އެއާއެކު މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާއަކީ އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާއެކެވެ.





