ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ޢަރަބި ލިޔުންތެރިޔާ އަލް މަސްޢޫދީ

ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ޢަރަބި ލިޔުންތެރިޔާ އަލް މަސްޢޫދީ

އޭނާއަކީ ތާރީޚީ ޢިލްމުވެރިއެކެވެ. ޖޯގުރަފީގެ މާހިރެކެވެ. އަދި ދުނިޔެދުށް މަޝްހޫރު ދަތުރުވެރިއެކެވެ. އަލް މަސްޢޫދީގެ ފުރިހަމަ ނަންފުޅަކީ އަބުލް ޙަސަން ޢަލީ އިބްނު ޙުސައިން އިބްނު ޢަލީ އަލް މަސްޢޫދީ އެވެ. މިއީ ޔޫނާނީ (ގްރީކް) ފަލްސަފާގެ ނުފޫޒުން އެއްކިބާވެ، ކީރިތި ޤުރުއާނުގެ ޢިލްމީ މަންހަޖުގެ ތެރެއިން އިސްލާމީ ޢިލްމުވެރިކަން އެންމެ ބޮޑަށް ކުރިއަރައިގެންދިޔަ ރަންޒަމާނުގެ ބޭފުޅެކެވެ.

މާތް ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލެއް ކަމުގައިވާ ޢަބްދުﷲ އިބްނު މަސްޢޫދުގެ ދަރިކޮޅުން ވަޑައިގެންނެވި އަލް މަސްޢޫދީ އުފަންވެވަޑައިގެންނެވީ މީލާދުން 896 ވަނަ އަހަރު ބަޣުދާދުގައެވެ. ޢިލްމީ ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވަނީ "ޢަރަބިންގެ ހެރޮޑޮޓަސް" ގެ ނަމުންނެވެ. އޭނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، އެ ތަންތަނުގެ ތާރީޚާއި ސަގާފަތް ފުންކޮށް ދިރާސާކުރެއްވި ބޭފުޅެކެވެ.

ދަތުރުކުރެއްވި ސަރަހައްދުތައް އަލް މަސްއޫދީ ދުނިޔެ ބައްލަވާލެއްވުމުގެ ދަތުރު ފެށްޓެވީ އުމުރުން އެންމެ 20 އަހަރުގައެވެ. ފުރަތަމަ ވަޑައިގަތީ ފާރިސްކަރައިގެ ޕްރޮވިންސްތަކުގެ ތެރެއިން އާރުމީނާ އާއި ޖޯޖިއާ ހިމެނޭ ސަރަހައްދަށެވެ. އެއަށްފަހު ބަޣުދާދަށް އެނބުރި ވަޑައިގަތުމަށްފަހު، ދެން ވަޑައިގަތީ މިހާރުގެ ޕާކިސްތާނުގެ ސަރަހައްދުގައިވާ މަންސޫރާއާއި މުލްތާނަށެވެ. މަންސޫރާއަކީ އޭރު އިސްލާމީ އުންމަތުގެ ބޯޑަރުގެ ގޮތުގައި އޮތް ސިންދު ޕްރޮވިންސްގެ ވެރިރަށެވެ. ބޮޑު ކޯރެއްގެ ކައިރީގައި އޮތް މި ހިތްގައިމު ސަރަހައްދަކީ އޭރުގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.

މަންސޫރާއިން އަލް މަސްޢޫދީ ދަތުރުކުރެއްވީ ގުޖުރާތުގެ ސޫރަތަށެވެ. އެތަނުން އޭނާއަށް ހިންދޫ ރަށްވެހިކަން ވަރަށް ގާތުން ތަޖުރިބާ ކުރެއްވުނެވެ. އެއަށްފަހު އިންޑިއާގެ ހުޅަނގު އައްސޭރީގެ މަލަބާރަށް ފައިބައިވަޑައިގެން، ސްރީލަންކާއަށް ޒިޔާރަތްކުރެއްވިއެވެ. ސްރީލަންކާއަށްފަހު އިންޑޮނޭޝިއާގެ ސުމަޓްރާއާއި މެލޭޝިއާގެ މަލާކާއަށް ވަޑައިގަތެވެ. އޭރުވެސް މަލާކާ ކަނޑުއޮޅިއަކީ ވިޔަފާރީގެ މައި ހަބެކެވެ. އެތަނުން އޭނާ ވަޑައިގަތީ ޗައިނާގެ ކެންޓަންއަށެވެ.

އިންޑިއާ ކަނޑުގެ އައްސޭރިތަކުން އެނބުރި ވަޑައިގަންނަވަމުން، އަލް މަސްޢޫދީ މަޑަގަސްކަރައަށާއި އެފްރިކާގެ އިރުމަތީ އައްސޭރިއަށް ދަތުރުކުރެއްވިއެވެ. އޭނާ ސޮފާލާ ސިފަކުރެއްވީ ރަނުގެ ސިޓީއެއްގެ ގޮތުގައެވެ. މީލާދީން 922 ވަނަ އަހަރު ބަސްރާއަށް އެނބުރި ވަޑައިގެން، އޭނާގެ ފުރަތަމަ ތާރީޚީ ފޮތް ކަމަށްވާ "މުރޫޖުއް ޛަހަބު ވަ މަޢާދިނުލް ޖައުހަރު" (Meadows of Gold and Mines of Gems) ލިޔުއްވިއެވެ.

އަލް މަސްޢޫދީ އާއި ދިވެހިރާއްޖެ

ދިވެހިރާއްޖެއާ ބެހޭ ގޮތުން އެންމެ ކުރީގައި ލިޔުއްވި ބޭރުގެ މުޞައްނިފުންގެ ތެރޭގައި އަލް މަސްޢޫދީ ހިމެނިވަޑައިގަންނަވައެވެ. އޭނާ ރާއްޖެއާ ބެހޭ މަޢުލޫމާތު ހޯއްދަވައި އެ ވާހަކަތައް ލިޔުއްވާފައި ވަނީ ސްރީލަންކާއަށް މީލާދީން 916 ވަނަ އަހަރު ކުރެއްވި ޒިޔާރަތުގައެވެ.
ދިވެހިރާއްޖެއާ ބެހޭ ގޮތުން އަލް މަސްޢޫދީ ވަނީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް އޭނާގެ ލިޔުންތަކުގައި ހިމަނުއްވާފައެވެ. އެގޮތުން ދިވެހިރާއްޖެއަކީ "ހާހަކަށްވުރެ ގިނަ ޖަޒީރާ" އެކުލެވިގެންވާ ތަނެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ހެދިފައިވާ ދިވެހިރުކާއި، އެ ރުކުން އުފައްދާ ތަކެއްޗާ ބެހޭގޮތުން ލިޔުއްވާފައިވެއެވެ. ޚާއްޞަކޮށް، ރާއްޖެއިން ލިބޭ މާވަހަރާއި، ކަހަނބުފަތްފަދަ ތަކެތީގެ ވާހަކަ ފާހަގަކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގެ މީހުންނަކީ ހީވާގި، މަސައްކަތްތެރި ބައެއްގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ޢިލްމީ ޚިދުމަތާއި އަވަހާރަވުން

އަލް މަސްޢޫދީގެ އެންމެ ބޮޑު ޚިދުމަތަކީ ތާރީޚު ލިޔުއްވުމުގައި ގެންގުޅުއްވި އާ ގޮތްތަކެވެ. އޭނާ ހަމައެކަނި ރަސްރަސްކަލުންގެ ވާހަކަތައް ލިޔުއްވުމުގެ ބަދަލުގައި، އެކި ޤައުމުތަކުގެ ސަގާފަތާއި، ދީނާއި، ޖޯގްރަފީ އަދި އިޖުތިމާޢީ ދިރިއުޅުމުގެ މައްޗަށް ބައްލަވައިލައްވާފައިވެއެވެ. އޭނާ ވަނީ 20 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. މީގެ ތެރެއިން "މުރޫޖުއް ޛަހަބު" އާއި "ކިތާބުލް ތަންބީހު ވަލް އިޝްރާފު" އަކީ ފާހަގަކޮށްލެވޭ ފޮތްތަކެވެ. އަދި އޭނާ ވަނީ އޭރުގެ ދުނިޔޭގެ ފުރިހަމަ ޗާޓެއްވެސް ކުރައްސަވާފައެވެ.

ޢިލްމީ ދުނިޔެއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، އަލް މަސްޢޫދީ އަވަހާރަވީ މީލާދީން 957 ވަނަ އަހަރު މިޞްރުގެ ފުސްޠާޠު (ގާހިރާ) ގައެވެ. އޭނާ ދޫކުރެއްވި ޢިލްމީ ތަރިކައަކީ މިއަދުވެސް ތާރީޚު ދިރާސާކުރާ ފަރާތްތަކަށް ހުރި އަގުހުރި މަޞްދަރެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *