ރައްޔިތުން މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމާ ގުޅޭގޮތުން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.
މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ކޮންގްރެސް ޕާޓީން ނިންމާފައިވާއިރު، ނާޒިމް ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމަށްފަހު އެކަން ހުށަހަޅާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ޕީއެންސީން ވަނީ ނާޒިމް މަގާމުން ވަކިކުރުމަށް 72 މެމްބަރުންގެ ސޮއި ހޯދާފައެވެ.
ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެއެވެ.
މިދިޔަ ބުދަދުވަހު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި، ވަނީ ނާޒިމް ވަކިކުރުމުގެ ޖަލްސާ ކުރިއަށްގެންދާނޭގޮތް ކަނޑައަޅާފައެވެ. އެގޮތުން މުޅި މައްސަލައަށް އެއްގަޑިއިރު ހޭދަކުރަން ނިންމާފައިވާއިރު، މެންބަރުންގެ ބަހުސަށް 50 މިނެޓް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ނާޒިމަށް 10 މިނެޓްގެ ވަގުތުކޮޅެއް ދިނުމަށް ވަނީ ނިންމާފަ އެވެ
ނާޒިމްގެ މައްޗަށް ދެ ތުހުމަތެއް ކުރެއެވެ. އެއީ ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލުމުގެ ތުހުމަތެވެ. އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާއެވެ.





