މާދަމާއިން ފެށިގެން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އިން ހާމަ ކުރި ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ. މެދުރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށްވެސް ލަފާ ކޮށްފައިވެއެވެ.
ވައިގެ ބާރުމިނާ ގުޅޭ ގޮތުން މެޓް ހާމަ ކުރި ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެއެވެ. ދެކުނަށް ގަޑިއަކު 5 އިން 15 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަ ވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ކަނޑުގެ ރާޅުތަކުގެ ވާހަކައަށް ބަލާއިރު، ދެކުނުގެ ރާޅުތައް ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. ނަމަވެސް އުތުރާއި މެދުރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދަށް ރާޅު އުސްވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކ. ގާފަރަށް ކަމަށާއި، އެ އަދަދަކީ 27.6 މިލިމީޓަރު ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. ދެ ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށް ކަމަށާއި، 19.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ ގޯސްވާ ދުވަސްވަރު ކަމުން، ދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކުން ވެސް ދަނީ ނުރައްކަލުން ސަލާމަތްވެ ގެއްލުން ކުޑަ ކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވަމުންނެވެ.





