ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަ ރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އެމްޑީ ފަޒްލީ ރަބީ (25އ) އާއި، އެމްޑީ ޝަހަޖަން ސަވަލް (36އ) އެވެ. މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ ސަފާރީއެއް ބަލައިފާސް ކުރުމުގެ ތެރެއިންނެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް އެ ސަފާރީ ބަލައިފާސް ކުރިއިރު 207 ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން އިތުރުން ގިނަ އަދަދެއްގެ ފައިސާ އާއި ޔޫއެސް ޑޮލަރުވެސް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.





