އެމެރިކާގެ މިނިވަން ދުވަހުގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޯނު މެދުވެރިކޮށް ބައިވެރިވެވަޑައިގެން އިންޑިއާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވި މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އިންޑިއާއާ މެދު އޮތް ލޯތްބާއި ގާތްކަން ފާޅުކުރައްވާފައެވެ.
"އަހަރެން އިންޑިއާ ދެކެ ލޯބިވަން. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެކެ ލޯބިވަން. މޯދީއަކީ ވަރަށް މޮޅު ބޭފުޅެއް، އަދި އަހަރެންގެ ގާތް ރަހުމަތްތެރިއެއް،" ޓްރަމްޕް ވިދާޅުވިއެވެ.
އިންޑިއާއިން އެދޭ ކޮންމެ ކަމެއް ފުއްދައިދިނުމަށް އެމެރިކާ ތައްޔާރަށް އޮތްކަން ހާމަކުރައްވަމުން، އޭނާ ވިދާޅުވީ އިންޑިއާއަށް 100 އިންސައްތަ އެއްބާރުލުން ދޭނެ ކަމަށެވެ. "އަހަރެމެންގެ އިގްތިސާދު މިވަގުތު އޮތީ ރެކޯޑް މިންވަރަކަށް ކުރިއަރާފައި. އިންޑިއާއިން އެދޭ ކޮންމެ ކަމެއް އެމެރިކާއިން ފުއްދައިދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.
މި ހަފްލާގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މާކޯ ރުބިއޯ ވިދާޅުވީ އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ސްޓްރެޓެޖިކް ގުޅުމަކީ ވަރަށް މުހިންމު އަދި އަގުހުރި ގުޅުމެއް ކަމަށެވެ.
މި ހަފްލާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދިފާއީ، ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރުމަށް ބޭއްވުނު ހަފްލާއެކެވެ





