ލީވާނާއި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުު ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރި، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ހައި ކޯޓަށް ބަލައިގެންފި އެވެ.
ކްރިމިނަލް ކޯޓުން ގެގް އަމުރު ނެރެނީ، 'އަދަދު' ނޫހުގެ ސީއީއޯ ފިޔާޒު އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައިގެންނެވެ.
އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ ސަބަބުން އުފުލި އެ ދައުވާތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނުދެއްކުމަށެވެ.
ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން، ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނާ ސުވާލުކޮށްގެންނެވެ. އަދި ލީވާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނު ގޮތަކުންނެވެ.
މި މައްސަލާގައި މެއި މަހުގެ 12 ވަނަ ދުވަހު ޝަހުޒާނާއި ލީވާން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ވަކީލަކު އައްޔަންކުރަން ވެސް އެންމެ ދެ ގަޑިއިރުގެ ވަގުތެއް ދިނުމަށް ފަހު، ހަމަ އެ ދުވަހުން އެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. ލީވާން 10 ދުވަހަށް ޖަލަށް ލުމުގެ އިތުރުން 26،800 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އިރު، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމާއެކު 25،800 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކުރިއެވެ.
މި ދެ ހުކުމް ވަކިވަކިން ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، އެ ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ.





