ދިވެހި ރާއްޖޭގެ 1000 ރުފިޔާގެ ނޫޓަކީ ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ފައިސާގެ ނޫޓު ކަމަށް ބުނެ، ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބެން ފަށައިފިއެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ މި ނޫޓަށް ބޭރުގެ ގައުމުތަކުގެ މީހުންނާއި މީސްމީޑިއާގައި ދަނީ ނުހަނު ބޮޑަށް ތައުރީފު ކުރަމުންނެވެ.
މި ނޫޓުގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ "މެސީމޯ" (@rainmaker1973) ނަމަކަށް ކިޔާ އެކްސް އެކައުންޓަކުން މި ނޫޓުގެ ފޮޓޯއެއް ހިއްސާކުރުމާ ގުޅިގެންނެވެ. އެ ޕޯސްޓަށް މިހާތަނަށް 3.7 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ މިއީ ދުނިޔޭގެ އެންމެ ރީތި ފައިސާގެ ނޫޓު ކަމަށް ބުނެފައެވެ. މީސްމީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން މި ނޫޓަކީ "ފުރިހަމަ ކުރެހުމެއް" (perfect art) ގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
މި ނޫޓުގެ ފަރުމާގައި ހިމެނޭ ތަފާތު ރީތި ކުލަތަކާއި، ހާއްސަކޮށް އޭގައިވާ ފެހުރިހި އަދި ވެލައިގެ ކުރެހުމަށް ގިނަ ބައެއްގެ ހިތްތައް ވަނީ ލެނބިފައެވެ. މިއީ ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު ދިރުންތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފަރުމާއެކެވެ.
މި ނޫޓަށް ލިބިފައިވަނީ ހަމައެކަނި މީސްމީޑިއާގެ ތަރުހީބެއް ނޫނެވެ. އިންޓަރނޭޝަނަލް ބޭންކްނޯޓް ސޮސައިޓީ (IBNS) އިން ހޮވާ "އައުޓްސްޓޭންޑިންގ ނިއު ބޭންކްނޯޓް ޑިޒައިން" ކެޓަގަރީން މި ނޫޓު ވަނީ ދުނިޔޭގެ 18 ގައުމަކާ ވާދަކޮށް ދެވަނަ ހޯދާފައެވެ. މިއީ ރާއްޖޭގެ ފައިސާގެ ނޫޓަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.
މި ފަޚުރުވެރި ކާމިޔާބީއާއެކު، ދިވެހިރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަން ފައިސާގެ ނޫޓެއްގެ ޒަރީއާއިން މުޅި ދުނިޔެއަށް މިވަނީ އިޝްތިހާރުވެގެން ގޮސްފައެވެ. މިއީ ދިވެހި ފަރުމާ ކުރުންތެރިންގެ ހުނަރުވެރިކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ކަމުގެ ހެއްކެކެވެ.





