ޓީބިލްގެ ގޮތުގައި ވިއްކި ފައިސާގެ އަދަދު 95 ބިލިއަން ރުފިޔާއަށް އަރައިފި

ޓީބިލްގެ ގޮތުގައި ވިއްކި ފައިސާގެ އަދަދު 95 ބިލިއަން ރުފިޔާއަށް އަރައިފި

ސަރުކާރު ހިންގުމުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ މިހާތަނަށް 5.4 ބިލިއަން ރުފިޔާގެ ޓީބިލް އިތުރަށް ވިއްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއާއެކު ދައުލަތުން ޓީބިލްގެ ގޮތުގައި ވިއްކާފައިވާ ޖުމްލަ ފައިސާގެ އަދަދު މިހާރު ވަނީ 95.7 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދިވެހި ރުފިޔާއިން 3.6 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ. މީގެ އިތުރުން ޓީ ބޮންޑުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވިއްކާފައިވާއިރު، އިސްލާމިކް އިންސްޓްރޫމެންޓްތަކުގެ ގޮތުގައި ވިއްކި އަދަދު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރު ފެށުނުއިރު ދައުލަތުން ޓީބިލްގެ ގޮތުގައި ވިއްކާފައިވާ ޖުމްލަ އަދަދު ހުރީ 90.3 ބިލިއަން ރުފިޔާގައެވެ.

މިހާރުގެ ހިސާބުތަކަށް ބަލާއިރު، ދިވެހި ރުފިޔާއިން ވިއްކި ޓީބިލްގެ އަދަދު 44 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓީ ބޮންޑުގެ ގޮތުގައި 29 ބިލިއަން ރުފިޔާ ވަނީ ވިއްކާފައެވެ. ސަރުކާރުން ކޮންމެ ހަފުތާއަކުވެސް އަންނަނީ އެއް މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށް ޓީބިލް ވިއްކުމަށް ހުޅުވާލަމުންނެވެ. މި ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.5 އިންސައްތައާއި 4.6 އިންސައްތައާ ދެމެދުގައެވެ.

މިއަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ޓްރެޝަރީ ސެކިއުރިޓީގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދައުލަތުން ވިއްކާފައިވާ ޖުމްލަ ޓްރެޝަރީ ސެކިއުރިޓީގެ އަދަދު މިހާރު ވަނީ 97 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށާއި އިޤްތިޞާދީ ކަންކަން މެނޭޖްކުރުމަށްޓަކައި ޓީބިލް ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *