އެޗްޑީސީއާއެކު 2014 ވަނަ އަހަރު ވި އެއްބަސްވުމެއްގެ ދަށުން ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމި "އެގްރީމެންޓް ފޮ ދި ޑިވެލޮޕްމަންޓް އެންޑް ސޭލްސް އޮފް 3000 ހައުސިން އުނިޓްސް އެންޑް އޮފީސް ކޮމްޕްލެކްސް އިން ހުޅުމާލެ" ޕްރޮޖެކްޓްގެ ދަށުން ފްލެޓް ވިއްކަން ހުޅުވައިލި ފުރުސަތުގައި އެތަނުން އެޕާޓްމެންޓް ގަތުމަށް ދެއްކި ބުކިންފީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ ނާއިބު ރައީސް ސ. ހިތަދޫ ފިތުރޯނުގެ މަސްތޫރު ހުސްނީއަށް ދިނުމަށާއި، "ވިނަރެސް" އިން އެޕާޓްމަންޓެއް ގަތުމުގެ ފުރުސަތުދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަމުރު ކުރާނެ ތަނެއް ނެތް ކަަމަށް ހައިކޯޓުންވެސް ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ސ. ހިތަދޫ ފިތުރޯނުގެ މަސްތޫރު ހުސްނީ އާއި މަރީރު މުހައްމަދު ހުސްނީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އެ ފަރާތުން އިސްތިއުނާފް ކޮށްފައިވަނީ ސިވިލް ކޯޓުން ކުރި ހުކުމެއް ބާތިލް ކުރުމަށެވެ.
ސީލައިފް އިން ވިއްކަން ހުޅުވާލި އެޕާޓްމަންޓް ތަކުގެ ތެރެއިން ތިން އެޕާޓްމަންޓަކަށް މަސްތޫރު ހުސްނީގެ ނަމުގައި ބުކިންފީ ދައްކާފައި ވަނިކޮށް، އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުމާ ގުޅިގެން، ސީލައިފްއަށް ބުކިންފީ ދެއްކި އެތައް ސަތޭކަ ފަރާތަަކަށް ގޮތެއް ހޯދައިދިނުމަށް ޓަކައި "ވިނަރެސް" އެޕާޓްމަންޓްތަކުން އެޕާޓްމަންޓް ގަތުމަށް 19 އޮކްޓޫބަރު 2021 ގައި ފުރުސަތު ހުޅުވައިލިއެވެ.
އެޗްޑީސީން އެ ފުރުސަތު ހުޅުވައިލީ، ސީލައިފަށް ބުކިންފީ ދެއްކި ފަރާތްތަކުގެ ތެރެއިން ރިފަންޑް ބޭނުންވެގެން އެޗްޑީސީން ރިފަންޑް ދިން ފަރާތްތައްވެސް ހިމެނޭ ގޮތަށެވެ. އެ ފުރުސަތުގެ ދަށުން ރިފަންޑް ނުނަގާ ފަރާތްތަކުން ސީލައިފަށް ބުކިންފީ ދެއްކިކަން ސާބިތުކޮށްދޭ ލިޔުން 28 އޮކްޓޫ ބަރު 2021 ގެ ކުރިން މެއިލް ކުރުމަށްފަހު ރަޖިސްޓަރީ ކުރުމަށް 19 އޮކްޓޫބަރު 2021 ގައި އެޗްޑީސީން އިއުލާނަކުން އެންގިއެވެ.
އެ ކަމާއި ގުޅިގެން ސީލައިފަށް ބުކިންފީ ދެއްކި ދެ އެޕާޓްމަންޓްގެ ބަދަލުގައި "ވިނަރެސް" އިން ދެ އެޕާޓްމަންޓް މަސްތޫރު ހުށަހެޅިއެވެ. ނަމަވެސް އެޗްޑީސީން މަަސްތޫރަށް ފުރުސަަތު ދިނީ އެއް އެޕާޓްމަންޓް ގަތުމަށެވެ. އަދި އެ އެޕާޓްމަންޓްގެ އެގްރީމެންޓްވެސް ހެދިއެވެ.
"ވިނަރެސް" އިން އެންމެ އެޕާޓްމެންޓެއް ގަތުމުގެ ފުރުސަތު ދީފައިވާތީ، މަސްތޫރު ހުސްނީ އާއި މަރީރު މުހައްމަދު ހުސްނީ ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ "ވިނަރެސް" އިން އެޕާޓްމަންޓެއް ގަތުމުގެ ފުރުސަތު ދިނުމަށާއި، ސީލައިފް އިން އެޕާޓްމަންޓް ގަތުމަށް އެޕާޓްމަންޓް ގަތުމަށް ދެއްކި ބުކިން ފީގެ ތެރެއިން ނނުލިބިވާ ދެ އެޕާޓްމަންޓަށް ދެއްކި 100،000 ރުފިޔާގެ ތެރެއިން 50،000 ރުފިޔާ "ވިނަރެސް" އެޕާޓްމަންޓް ގަތުމުގެ ޑައުންޓް ޕޭމަންޓްގެ ގޮތުގައި ހަމަޖެއްސުމަށާއި އަނެއް 50،000 ރުފިޔާ އެއްފަހަރާ މަސްތޫރަށް ދެއްކުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގައި އެޗްޑީސީން ބުނެފައި ވަނީ، ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފައުސާހޯދަން އެދިފައި ނުވާތީ، މި ދައުވާގައި މަސްތޫރުގެ ފަރާތުން ހޯދަން އެދިފައިވާ 50،000 ރުފިޔާ ދޭން ނުޖެހޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ މަރީރު މުހައްމަދު ހުސްނީ އަކީ މަސްތޫރު މެދުވެރުކޮށް ސީލައިފަށް ފައިސާ ދައްކާފައިވާ ފަރާތެއްކަމަށްބުނެ މަސްތޫރު އެދިފައިވަނީ ދެވަނަ އެޕާޓް މަންޓް ގަތުމުގެ ފުރުސަތު އޭނާއަށްދޭން ކަަމަށާއި، ނަމަވެސް ފައިސާގެ ރަސީދު ހުށަހަޅާފައިނުވާތީ އާއި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލި މުއްދަތުގައި ހުށަހަޅާފައިނުވުމާއި "ވިނަރެސް" ބާކީ އެޕާޓްމަންޓެއް ނެތުމުން ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.
މި މައްސަލައިން ފާހަގަ ކުރެވުނު ކަންތައްތަކަށް ރިއާޔަތް ކުރާއިރު، މަސްތޫރާއި މަރީރުގެ ފަރާތުން އެދިފައިވާ ފަދައިން "ވިނަރެސް" އިން އެޕާޓްމަންޓެއް ގަތުމަށް މަރީރުއަށް އެޗްޑީސީއިން ފުރުސަތު ދޭންޖެހޭ ކަަމަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި، ސީލައިފަށް ބުކިންފީގެ ގޮތުގައި ދެއްކި ފައިސާގެ ރިފަންޑް ހޯދުމަށް އެޗްޑީސީން ދން ފުރުސަތާ އެއްގޮތަށް މަސްތޫރު އަމަލު ކޮށްފައިވާކަން ސާބިތު ނުވާތީ، އެ ފައިސާ މަސްތޫރަށް ދެއްކުމަށް އެޗްޑީސީއަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް އެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެފަރާތުން ހައިކޯޓުގައި އެދުނީ ސވިލް ކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށެވެ. ނަމަވެސް އިއްޔެ ހައި ކޯޓުން ހުކުމްކުރީ، ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެެވެ





