މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީން ތަކެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށްފަހު، އެ އަޑުއެހުން ފަސްކޮށްފިއެެވެ.
ޝަމްއާނަށްށް ހުކުމް ކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ތާވަލު ކުރީ މިއަދު މެންދުރުފަހު 1:00 އަށެވެ. ނަމަވެސް، އޭނާގެ ދިފާއީ ވަކީލް ރާއްޖޭން ބޭރުގައި ހުންނެވުމުން އަޑުއެހުން ފަސް ކޮށްދޭން ވަނީ އެދިފައެވެ. އެކަމާ ގުޅިގެން އަޑުއެހުން އެހެން ދުވަހަކަށް ފަސްކުރަން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް ދެން އެ އަޑުއެހުން އޮންނާނެ ދުވަހެއް ކޯޓުން ބުނެފައެއް ނުވެެއެވެ.
ޕީޖީ އޮފީހުން ވަނީ ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރެެއިން އެއް ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ކުށް ސާބިތު ވެެއްޖެނަމަ، 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދެވަނަ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެެެވެ. އެ ދައުވާ ސާބިތު ވެއްޖެނަމަ، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ތިން ވަނައަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، 1 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުން ކުރި ފައިސާގެ އަދަދު (ލޯންޑާކުރި ފައިސާގެ އަދަދު) ގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރާނެއެވެ.
ނަމަވެސް ޝަމްއާނުގެ މައްޗަށް ކުރާ މި ދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.





