އުމުރުން 79 އަހަރުގައި ބެޗްލާރސް ޑިގްރީ ހާސިލްކޮށް، ހަދީޖާ ދައްކައިދިނީ ނަމޫނާ

އުމުރުން 79 އަހަރުގައި ބެޗްލާރސް ޑިގްރީ ހާސިލްކޮށް، ހަދީޖާ ދައްކައިދިނީ ނަމޫނާ

އުމުރުން 79 އަހަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން އަރަބި ބަހުގެ ރޮނގުން ބެޗްލާރސް ޑިގްރީ ހާސިލްކޮށް، ހަދީޖާ އަބްދުއްރަހުމާން މުޅި ގައުމަށް ނަމޫނާ ދައްކައިފިއެވެ. ކުޑައިރު މަދަރުސާއަކަށް ގޮސް ކިޔެވުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، އޭނާ ވަނީ މުސްކުޅި އުމުރުގައި ކުރި ބުރަ މަސައްކަތުން އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާފައެވެ.

ހަދީޖާގެ މި ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ މީގެ ތިން އަހަރު ކުރިން ނިޔާވި އޭނާގެ ފިރިމީހާ، ހަނީސަކަލް އަބްދުއްރަޝީދު އަލީ ދިން ހިތްވަރެވެ. ފިރިމީހާގެ ބަލިހާލަތު ހުރިގޮތުން ކިޔެވުން މަޑުޖައްސާލަން ޖެހުނު ނަމަވެސް، އޭނާ ނިޔާވުމުގެ ކުރިން އެދުނީ ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށެވެ. "ބަލި ހާލުގައި އޮވެގެން ވެސް އެދުނީ ކިޔެވުން ހުއްޓައި ނުލަން. އެއީ ޑިޕްލޮމާއަށްފަހު ޑިގްރީ ނިންމަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ،" ހަދީޖާ ކިޔައިދިނެވެ.

ތައުލީމީ ދަތުރުގެ ފެށުން

ހަދީޖާގެ ތައުލީމީ ދަތުރު ސީރިއަސްކޮށް ފެށުނީ 1999 ވަނަ އަހަރު މައުހަދުގައި ބައިވެރިވި ގިރާއަތު ކޯހުންނެވެ. އޭގެ ފަހުން 2002 ވަނަ އަހަރު އަރަބި ބަސް ދަސްކުރަން ފަށައި، އެކި ލެވެލްތައް ފުރިހަމަކޮށް، ޑިޕްލޮމާއަށްފަހު މިހާރު މިވަނީ ބެޗްލާރސް ޑިގްރީ ނިންމާފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ޔުނިވަރސިޓީގައި ކިޔެވި ދުވަސްވަރު އުމުރުގެ ތަފާތަކާ ހުރެ އެއްވެސް ދައްޗެއް ކުރިމަތިނުވެ، ލެކްޗަރާއިންނާއި ކުލާސްމޭޓުންގެ ފަރާތުން ލިބުނީ ބޮޑު އެހީތެރިކަމެކެވެ.

މަސައްކަތްތެރި ކަނބަލެއް

ކިޔެވުމުގެ އިތުރުން ހަދީޖާއަކީ ފެހުމާއި ޖަރީކުރުމުގެ މަސައްކަތުގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އޭނާ ވަނީ އެތައް ދުވަހެއް ވަންދެން ސިފައިންގެ ޔުނީފޯމް ބެޖުތައް އަމިއްލަ އަތުން ޖަރީކުރުމުގެ ބުރަ މަސައްކަތް ކޮށްފައެވެ. އަދި އެ ހުނަރު އޭނާގެ ދަރިންނަށާއި އެހެން މީހުންނަށް ވެސް ވަނީ އުނގަންނައިދީފައެވެ.

ކުރިމަގުގެ އުންމީދު

ޑިގްރީއަށްފަހު މާސްޓަރސްއަށް ދިއުމުގެ ބަދަލުގައި ހަދީޖާގެ މިހާރުގެ އަމާޒަކީ މެދުކަނޑާލާފައިވާ ޤުރުއާން ހިފްޒްކުރުމުގެ މަސައްކަތް ފުރިހަމަކުރުމެވެ. މިހާތަނަށް އޭނާ ވަނީ ފަސް ފޮތް ހިތުދަސްކޮށްފައެވެ. 8 ދަރިންނާއި 19 މާމަދަރިން ތިބި ހަދީޖާ އެހެން މީހުންނަށް ދޭ ނަސޭހަތަކީ ކިޔެވުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫން ކަމަށާއި، އަޒުމަކާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ހާސިލްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *