ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދެވި އިމާދުއްދީން ސްކޫލުގެ ސެންޓީޗަރު، އާމިނަތު ރިޒާނާ، 43، މިއަދު ހެނދުނު ހުޅުމާލޭ ހޮސްޕިޓަލުގައި ނިޔާވެއްޖެއެވެ.
ތަޢުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވީ ރިޒާނާ، ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލުންނެވެ. ދެން ހިރިޔާ ސްކޫލުގައި ވެސް ކިޔަވައިދެއްވިއެވެ. ދެ ތަނުގައި ކިޔަވައިދެއްވުމަށްފަހު، ފަސް އަހަރު ވަންދެން އިމާދުއްދީން ސްކޫލުގެ ސެންޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ.
ރިޒާނާ ނިޔާވި ޚަބަރާ ގުޅިގެން އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް ވިދާޅުވީ، ރިޒާނާއަކީ ސްކޫލާއި ދަރިވަރުންދެކެ ހިތުގެ އަޑިން ލޯބިވި، ޢިލްމަށް ލޯބިކުރި މުދައްރިސެއް ކަމަށެވެ. ބަލި އެނދުގައި އޮތް ވަގުތުތަކުގައިވެސް، ސްކޫލަށް ވަޑައިގެން ކިޔަވައިދެއްވުމަށް ބޭނުންފުޅުވި ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. ސްކޫލަށް ނުދެވި، ދަރިވަރުންނާ ބައްދަލުނުވެ ހުންނެވުމުން، ރިޒާނާ ވަރަށް ދެރަވެ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް މަމްދޫޙް ފާހަގަ ކުރެއްވިއެވެ.
ރިޒާނާގެ ކަށުނަމާދު ބޭއްވީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަރަހައްދު މިސްކިތުގައެވެ. ﷲ ރިޒާނާގެ ފުރާނައަށް ރަހުމަތް ލައްވައި، ފާފަ ފުއްސަވައި ، ސުވަރުގޭގެ ނިޢުމަތް ދެއްވާށިއެވެ. އާމީން.





