ކޮޅިގަނޑު އައި ވަގުތު ގޭގެ ފުރާޅުގެ ޓިނުގަނޑާއެކު މީހަކު 50 ފޫޓް މައްޗަށް ބުރައިގެން ހިނގައްޖެ

ކޮޅިގަނޑު އައި ވަގުތު ގޭގެ ފުރާޅުގެ ޓިނުގަނޑާއެކު މީހަކު 50 ފޫޓް މައްޗަށް ބުރައިގެން ހިނގައްޖެ

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަރޭލީ ސަރަހައްދަށް އައި ބާރުގަދަ ކޮޅިގަނޑެއްގައި، ޓިނު ފުރާޅެއް ހިފަހައްޓަން އުޅުނު އުމުރުން 50 އަހަރުގެ އީ-ރިކްޝާ ދުއްވާ މީހަކު ވައިގެ ތެރެއަށް 50 ފޫޓު މައްޗަށް ދަމައިގަނެ، އުދުހިގެންދިޔަ ބިރުވެރި ހާދިސާއެއް ވަނީ ހިނގާފައެވެ.

މިއީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކޮމްޕިއުޓަރުން ހަދާފައިވާ ވީޑިއޯއެއް ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، މިއީ ހަގީގީ ހާދިސާއެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ 13 މޭ 2026 ވީ ބުދަ ދުވަހު، ބަރޭލީގެ ބާމިޔާނާ އަވަށުގައެވެ. މުހައްމަދު ނަންހޭ ނަމަކަށް ކިޔާ މި މީހާ ކައިވެނި ބާއްވާ ހޯލެއްގެ ކައިރީގައި ހުއްޓާ، ކުއްލިއަކަށް މޫސުން ގޯސްވެ ބާރުގަދަ ކޮޅިގަނޑެއްލިއެވެ. ވައިގަދަވުމުގެ ސަބަބުން އެތަނުގައި ހުރި ބޮޑު ޓިނު ފުރާޅެއް ހަލާކުވެ، ވިއްސައިގެން ދާން ފެށުމުން، ނަންހޭ އޭގައި ހުރި ވާގަނޑެއްގައި ހިފެހެއްޓީ އެ ފުރާޅު ސަލާމަތް ކުރުމުގެ ނިޔަތުގައެވެ.

ނަމަވެސް، ވައިގެ ބާރުމިން ހީކުރި ވަރަށްވުރެ މާ ގަދައެވެ. ކުއްލިއަކަށް އައި ބާރު ވައިރޯޅިއަކާއެކު މުޅި ޓިނު ފުރާޅު އުފުރާލައި، ނަންހޭއާއެކު ވައިގެ ތެރެއަށް 50 ފޫޓު މައްޗަށް ދަމައިގަތެވެ. އޭނާ ގާތްގަނޑަކަށް 7 ސިކުންތު ވަންދެން ވައިގެ ތެރޭގައި އެނބުރެމުން ގޮސް، ފުރާޅުން އަތްދޫވެ، ކައިރީގައި ހުރި ދަނޑަކަށް ވެއްޓުނެވެ.

މިފަދަ ނުރައްކާތެރި އުސްމިނަކުން ވެއްޓުމުންވެސް ނަންހޭގެ ފުރާނަ ސަލާމަތްވުން ވެފައިވަނީ މުއުޖިޒާތެއް ފަދަ ކަމަކަށެވެ. އެހެންނަމަވެސް، މި ހާދިސާގައި އޭނާގެ އަތާއި ފައިގެ ކަށިތައް ބިންދައިގެން ގޮސް، ބޮލަށާއި ބުރަކަށީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ. މިހާރު އޭނާއަށް ދަނީ ބަރޭލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.

ނަންހޭ ބުނި ގޮތުގައި އޭނާ ވައިގެ ތެރޭގައި ހުރި ވަގުތު، ދެން ދުވަހަކުވެސް އޭނާގެ ދަރިންނާ ބައްދަލުނުވާނެ ކަމަށް ހީކުރެވުނެވެ. އޭނާއަކީ އާއިލާ ބަލަހައްޓާ ހަމައެކަނި މީހާ ކަމަށްވާތީ، ސަރުކާރުގެ މާލީ އެހީތެރިކަމަށްވެސް އޭނާ ވަނީ އެދިފައެވެ.

ބަރޭލީ ފުލުހުންނާއި އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި، އެ ދުވަހު އުއްތަރަ ޕްރަދޭޝްގެ އެކި ސަރަހައްދު ތަކަށް އައި ބާރުގަދަ ވިއްސާރައާއި، ކޮޅިގަނޑުތަކުގެ ސަބަބުން ގެދޮރު ހަލާކުވެ، ގަސްތައް ވެއްޓި، އެކި ހާދިސާތަކުގައި 89 އަށްވުރެ ގިނަ މީހުން ވަނީ ފުރާނަ ގޮސްފައެވެ. ސަރުކާރުން މިހާރު ދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *