ގެއްލުނު އިޓަލީ ޑައިވަރުން ހޯދަން ފިންލޭންޑްގެ ޓީމެއް މާދަމާ ރާއްޖެ އަންނަނީ

ގެއްލުނު އިޓަލީ ޑައިވަރުން ހޯދަން ފިންލޭންޑްގެ ޓީމެއް މާދަމާ ރާއްޖެ އަންނަނީ

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރި ސަރަހައްދަށް ޑައިވިންއަށް ފައިބައި ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނާ ގުޅުމަށް، ޑީޕް ކޭވް ޑައިވިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފިންލޭންޑްގެ ތިން މެންބަރުންގެ ޓީމެއް މާދަމާ ހެނދުނު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މިމަހުގެ 14 ވަނަ ދުވަހު އިޓަލީގެ ފަސް ފަތުރުވެރިން ދިވެހި ޑައިވަރަކާ ނުލައި އެ ސަރަހައްދަށް ޑައިވިންއަށް ފައިބައި ގެއްލިފައިވާއިރު، އެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑިން ކޭވެއްގެ ތެރެއިންނެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިޔާވީ އެ ގުރޫޕާ އެކު އައި އިންސްޓްރަކްޓަރެވެ. އެ ކޭވްގެ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފުން "ހައި ރިސްކު" އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކުރައްވާ މި އޮޕަރޭޝަނުގައި އަށް ޑައިވަރުން ހަރަކާތްތެރިވަމުން ދަނިކޮށް، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ހާލު ދެރަވެ ނިޔާވެފައިވެއެވެ. އެ ހާދިސާއާ ގުޅިގެން އޮޕަރޭޝަން ވަނީ މެދުކަނޑާލައިފައެވެ.

"މާދަމާ އެ މީހުން އައީމަ އެ މީހުންނާއެކު އެ ބޭފުޅުން ތިއްބަވައިގެން ކުރިއަށްދާނެ މަގެއް ކަނޑައަޅުއްވާނެ، ދެން ކަންތައް ކުރަންވީ ގޮތެއް، އޮޕަރޭޝަން ކުރިއަށްދާންވީ ގޮތެއް." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ މާދަމާ އަންނަ ޓީމަކީ "ބޭން" ކިޔާ ކުންފުންޏެއްގެ ބައެއް ކަމަށާއި، އިޓަލީ، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތް ގުޅިގެން މަޝްވަރާކޮށް ފާހަގަކުރި ކުންފުންޏެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *