ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި އޯނަރުންނާއި މެނޭޖްމަންޓްގެ ދައުރު އިންތިހާއަށް ކުޑަވަމުންދާ ދިއުމާމެދު، އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ފިރާގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، 2000 ގެ އަހަރުތަކުގެ ފަހުކޮޅާ ހަމައަށް ރާއްޖޭގެ ރިސޯޓް ލީސް އަދި ހެޑް ލީސްތައް މައިގަނޑު ގޮތެއްގައި އޮތީ ދިވެހި އޯނަރުންގެ އަތްމަތީގައެވެ. އެ ދުވަސްވަރު ދިވެހިން ރިސޯޓްތައް ތަރައްގީ ކުރުމަށް ބޭރުގެ އިންވެސްޓަރުން ހޯދި ނަމަވެސް، ކޮންޓްރޯލް އޮންނަނީ ދިވެހިންގެ އަތުގައެވެ.
ނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފިރާގު ފާހަގަ ކުރެއްވިއެވެ. އޭނާ ހާމަކުރެއްވި ތަފާސްހިސާބު ތަކަށް ބަލާއިރު، މިއަދު ދިވެހިން މެނޭޖްކުރާ ރިސޯޓް ތަކަކީ މުޅި ސިނާއަތުގެ އެންމެ 23 އިންސައްތައަށްވުރެވެސް މަދު އަދަދެކެވެ. ރިސޯޓް ތަކުގެ މިލްކުވެރިކަމާއި، ފައިނޭންސިންގ، އަދި މެނޭޖްމަންޓްގެ އޮނިގަނޑު މިހާރު ބޮޑަށް ބަދަލު ވެފައިވަނީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓް ގްރޫޕްތަކާއި ބައިނަލްއަގުވާމީ ބްރޭންޑް ތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލާ ގުޅިގެން ފިރާގު ވަނީ މުހިއްމު ސުވާލެއް ކުރިމަތި ކުރައްވާފައެވެ.
"މި ބަދަލުގެ ސަބަބުން ދިވެހި ރާއްޖެއަށް ދިގު މުއްދަތުގެ ހަގީގީ ފައިދާއެއް ކުރިތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.
ފިރާގު ފާހަގަ ކުރެއްވި ގޮތުގައި، ބޭރުގެ އިންވެސްޓްމަންޓް ތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހަލުވިކަމާއެކު ކުރިއަރައި، ބައިނަލްއަގުވާމީ މާކެޓިންގ ބާރާއި، ލަގްޒަރީ ބްރޭންޑް ތަކުގެ އިތުރުން ގްލޯބަލް ކަނެކްޓިވިޓީ ވަނީ ވަރުގަދަ ވެފައެވެ. އެހެންނަމަވެސް، މި ހުރިހާ ކުރިއެރުމަކާއެކުވެސް، ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ފައިސާ ދެމިއޮވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މި މައްސަލައަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމާއި، ދިވެހި ވިޔަފާރިވެރިންގެ މުސްތަގުބަލާ ގުޅިފައިވާ މުހިއްމު ކަމަކަށް ވާއިރު، ސިނާއަތުގެ ގިނަ ބަޔަކު ދަނީ މިކަމާމެދު ބަހުސް ކުރަމުންނެވެ. ވަކިވަކި ފަރުދުންނަށް ލިބޭ ފައިދާއަށްވުރެ ބޮޑަށް، ގައުމީ އިގްތިސާދަށް މި ބަދަލުން ކުރާ އަސަރު ދެނެގަތުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ފިރާގުގެ ޕޯސްޓްގައި ފާހަގަ ކޮށްފައިވެއެވެ.





