ބޮޑު އީދާ ގުޅިގެން މި މަހުގެ 24 އަދި 25 ވާ އާދިއްތަ ދުވަހާއި ހޯމަ ދުވަކީވެސް ބަންދު ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ 24 މެއި ވާ އާދިއްތަ ދުވަހާއި 25 މެއި ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 31 މެއި ވާ އާދީއްތަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މިއަހަރުގެ ހައްޖު ދުވަސް ވަނީ، މި މަހުގެ 26 ވާ އަންގާރަ ދުވަހަށެވެ. އަދި އީދު ދުވަހަކީ މި މަހުގެ 27 ވާ ބުދަ ދުވަހަށެވެ.





