ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކޮށް، އެ ކަމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނާޒިމް ވަކިކުރުމަށް ފާސްކުރީ މިއަދު މެންދުރު ކުރިން ބޭއްވި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް ބައްދަލުވުމެއްގައި ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވިދާޅުވި އެވެ. ނާޒިމްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ނައިބު ރައީސްކަމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް ހުށަހެޅުުމަށް ބޭނުންވާ ސޮއި ހަމަ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ޕާލިމަންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕާއި ޕީއެންސީ ލީޑަޝިޕްގެ ތަފާތު ގްރޫޕުތަކުންވެސް ނާޒިމް ވަނީ ބޭރު ކޮށްލާފަ ކަމަށް ކަށަވަރު ވެފައިވެ އެވެ. ނާޒިމް ގްރޫޕް ތަކުން ބޭރުކޮށް، ނައިބު ރައީސް ކަމުން ވަކިކުުރުމަށް ފާސްކުުރި ސަބަބެއް ޕީއެންސީ އިން މިހާތަނަށް ހާމަ ކޮށްފައެއް ނުުވެއެވެ.
ނާޒިމަކީ 2009 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށްވެސް މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވި، މަޖިލިހުގައި ތިއްބެވި ތަޖުރިބާ ހުރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރެކެވެ.





