އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ކުރީގެ ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ޗައިނާއަށް މިކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ޝެންހައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް (އދ.) ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ފުރުއްވާފައިވާ ޝާހިދު ފާހަގަކުރެއްވި ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 21 ރައީސުންގެ ތެރެއިން 12 ބޭފުޅަކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޝެންހައިގައި ބާއްވާ މި ބައްދަލުވުމަކީ ދުނިޔޭގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުންނާއި، އދ. ގެ އާންމު މަޖިލީހުގެ ދައުރާ ގުޅޭގޮތުން ތަޖުރިބާކާރު ލީޑަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ތާރީޚުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ އަދި ހަމައެކަނި ދިވެހި ބޭފުޅާއެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ އިދިކޮޅު އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ.





