މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައިރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ކުޑަކުދިންނަށް ދެވޭ އެންމެ ބޮޑު ހަދިޔާއަކީ ރަނގަޅު ތަރުބިއްޔަތުކަން ފާހަގަ ކުރައްވައިފިއެވެ. ކުދިންނަށް ހަގީގީ ލޯބި ދިނުމަކީ، ދީނާއި ދުނިޔެ ހެޔޮ ގޮތުގައި ދަސްކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކުދިންނަށް ލޯބި ދިނުމުގެ ހަގީގީ މާނައަކީ ހަމައެކަނި، ކުދިން ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުން ނޫން ކަމަށާއި، ދިރިއުޅުމުގެ ހުރިހާ ދަތި ހާލަތްތަކަކަށް ކުދިން ތައްޔާރު ކުރުވުމަކީ ބެލެނިވެރިންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ރައީސް ހަނދާންކޮށްދެއްވިއެވެ. ޒަމާނީ ތައުލީމާ އެކު، އިސްލާމީ އަޚްލާޤް ކުދިންގެ ހިތްތަކުގައި ބިންވަޅު ނެގުމުގެ ބޭނުންތެރިކަމަށް ވެސް ރައީސްގެ ހިތާބުގައި ވަރަށް ބޮޑަށް އިޝާރާތް ކުރައްވިއެވެ.
ޒަމާނީ ވަސީލަތްތަކާއި، ތަފާތު ބޭކާރު ވިއުގަތަކުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ނުރައްކާ ތަކާ ދެކޮޅަށް، ބެލެނިވެރިންނާ ތަޢުލީމީ ވުޒާރާ ގުޅިގެން ހޭލުންތެރި ވެ، ފިޔަވަޅު ތައް ނެގުމަށް ވެސް ރައީސް ގޮވާ ލެއްވިއެވެ. ހާއްސަ ގޮތެއްގައި، ސޯޝަލް މީޑިއާ ކުދިންނަށް ދިމާ ކުރާ ގެއްލުން ތަކާ ދެކޮޅަށް ބެލެނިވެރިން ހޭލުންތެރި ވެ، ކޮންމެ ދުވަހަކު ވެސް ފިރިހެން ދަރިންނަށްނާ، އަންހެން ދަރިންނަށް ވެސް ސަމާލުކަން ދިނުމަށް ގޮވާ ލެއްވިއެވެ.
ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން، ދަރިވަރުންނަކީ ގައުމިއްޔަތަށް ލޯބިކުރާ، ދީނީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމަށް ގިނަ ތައްޔާރީ ތަކެއް ވެފައިވާ ކަމަށާއި، ސްކޫލް މަންހަޖުގެ ތެރެއިން ވެސް، ދަރިވަރުން ހެޔޮ ތަރުބިއްޔަތެއްގައި ބޮޑެތި ކުރެވޭ ތޯ ބަލާ، މަސައްކަތް ތަކެއް ކުރިއަށް ދާ ކަމަށް ރައީސް ހާމަ ކުރެއްވިއެވެ. އަދިއެހެންމެ، ބެލެނިވެރިން ކުދިންނާ ވަގުތު ހޭދަ ކޮށް، ހުނަރު ތައް ދަސްކޮށްދިނުމަށް ވެސް ރައީސް ބާރު އެޅުއްވިއެވެ.





