އީރާންގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ނުފެނި ގިނަ ދުވަސްތަކެއް ވީ ނަމަވެސް، ހަނގުރާމައިގެ މުހިންމު ނިންމެވުންތަކާއި އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ދިން ހަމަލާގައި މުޖުތަބާގެ ހަށިގަނޑުގެ އެއް ފަރާތް ވަރަށް ބޮޑަށް ޒަޚަމުވެފައިވާ ކަމަށް އެމެރިކާގެ މަސްދަރުތަކުން ބުނެއެވެ. ނަމަވެސް އީރާންގެ ޕްރޮޓޮކޯލް ހެޑް މަޒާހިރު ހުސައިނީ ވިދާޅުވީ މުޖުތަބާ ހުންނެވީ ފުރިހަމަ ޞިއްޙަތެއްގައި ކަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސް އެނަލިސްޓުން ބުނާ ގޮތުގައި، މުޖުތަބާ މުއާމަލާތް ކުރައްވަމުން ގެންދަވަނީ އެއްވެސް އިކެލްޓްރޯނިކް ވަސީލަތެއް ބޭނުން ނުކޮށް، ސީދާ ބައްދަލު ކުރާ މީހުން މެދުވެރިކޮށް ނުވަތަ ސިޓީ ފޮނުއްވައިގެންނެވެ. މިކަމުގެ ސަބަބުން އޭނާ ހުންނެވި ތަނެއް ކަށަވަރު ކުރުމަށް އެމެރިކާ އަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވެސް ވަނީ، މިދިޔަ ހަފުތާގެ ތެރޭގައި މުޖުތަބާއާ ބައްދަލު ކުރައްވައި، ދެ ގަޑިއިރާ ބައި ވަންދެން މަޝްވަރާ ކުރައްވާފައިވާ ކަމަށް ހާމަ ކުރައްވައިފަ އެވެ. މިއީ ހަމަލާ އަށް ފަހު، އީރާންގެ އިސްވެރިޔަކު މުޖުތަބާއާ ބައްދަލު ކުރި ކަމަށް ރިޕޯޓު ކުރި ފުރަތަމަ ފަހަރެވެ.
އީރާންގެ މިސައިލް ލޯންޗަރުތަކުގެ ތިންބައިކުޅަ ދެބައި އަދިވެސް ސަލާމަތުން ހުރި ކަމަށާއި، އިޤުތިޞާދު ހަތަރު މަސް ހިފަހައްޓާލެވޭނެ ކަމަށް ސީއައިއޭގެ އެސެސްމަންޓުން ދައްކައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ އީރާންގެ ވެރިކަމުގެ ނިޒާމު ބައިބައިވެފައިވާ ކަމަށެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ މި ބައިބައިވުމަކީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.





