ތަޢުލީމީ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުގެ ސްކޫލްތަކަށް އިސްކަން ދޭންޖެހޭ: ފިރާގު

ތަޢުލީމީ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުގެ ސްކޫލްތަކަށް އިސްކަން ދޭންޖެހޭ: ފިރާގު

ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އަމިއްލަ ސްކޫލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި، ސަރުކާރުގެ ޕަބްލިކް އެޑިއުކޭޝަން ސެންޓަރުތައް ބިނާކޮށް ވަރުގަދަ ކުރުމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ގޮވާލައްވައިފިއެވެ.

ފިރާޤް މިހެން ވިދާޅުވީ މީސްމީޑިއާގެ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ޤައުމީ ތަޢުލީމީ ނިޒާމު އިޞްލާޙު ކުރަން ބޭނުންނަމަ، ސަރުކާރުގެ ފޯކަސް ހުންނަން ޖެހޭނީ މުޅި ރާއްޖޭގައި މަތީ ފެންވަރުގެ ސަރުކާރުގެ ސްކޫލްތައް ބިނާ ކުރުމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އަހަރަކު އެތައް މިލިއަނެއް އަމިއްލަ ސްކޫލްތަކަށް ދޫކުރެވޭތަން. ދިގުމުއްދަތުގައި މިކަމުގެ ސަބަބުން ސަރުކާރުގެ ތަޢުލީމީ ނިޒާމު ތަރައްޤީ ވުމުގެ ބަދަލުގައި ބަލިކަށިވެގެންދާނެ،" ފިރާޤު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަމިއްލަ ސްކޫލްތަކަކީ އަމިއްލަ ވިޔފާރި މޮޑެލްތަކެއްގެ ދަށުން، ޕްރީމިއަމް އަގުތަކެއްގައި ހިންގަންޖެހޭ ތަންތަން ކަމަށެވެ. އަދި ދައުލަތުގެ މައިގަނޑު އިސްކަމެއް ދޭންޖެހޭނީ ހުރިހާ ކުދިންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބޭނެހެން، ރަނގަޅު ޓީޗަރުންނާއި، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ހިމެނޭ ސަރުކާރުގެ ވަރުގަދަ ސްކޫލް ވިއުގައެއް ޤާއިމުކުރުމަށް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޤައުމުގެ މުސްތަޤްބަލަށްޓަކައި ދެމެހެއްޓެނިވި ތަޢުލީމީ ނިޒާމެއް ބިނާކުރެވޭނީ، ހަރުދަނާ ސިޔާސަތުތަކަކާއެކު ސަރުކާރުގެ ސްކޫލްތައް ކުރިއަރުވައިގެން ކަމަށްވެސް ފިރާޤްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ. ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކުރާ ހޭދަ، ސަރުކާރުގެ ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް އަމާޒުކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *