ހެއު ގޮތުގައި ވެވޭ ހައްޖެއްކަމުގައި ތިމާގެ ހައްޖު ވުމަށްޓަކައި، ހައްޖަށް ދިޔުމުގެ ކުރިން އިޚްލާސްތެރި ތައުބާއަކުން ތައުބާވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ހެއު ގޮތުގައި ވެވޭ ހައްޖު" މި މައުޟޫގައި ކުރިއަށް ދިޔަ މިއަދުގެ ޚުތުބާގައި ބުނެފައިވަނީ، ހައްޖު ވާޖިބުވުމަށް ފަހު ހައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ ކޮންމެ މީހަކު ހައްޖަށް ދިޔުމަށް އަވަސްވެ ގަތުމަކީ ރަސޫލުﷲ ﷺ އިރުޝާދު ދެއްވާފައިވާ ކަމެއް ކަމަށެވެ.
ޚުތުބާގައި ބުނި ގޮތުގައި، ހައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ ކޮންމެ މީހަކު ހަޔާތުގައި އެއް ފަހަރު ހައްޖުވުމަކީ ވާޖިބު ކަމެކެވެ. ހަމަ އެފަދައިން ހަޔާތުގައި އެއް ފަހަރު ޢުމްރާ ވުމަކީ ވެސް ވާޖިބު ކަމެއް ކަމަށާއި، ދެ ފަހަރަށް ވުރެ ގިނައިން ހައްޖާ ޢުމްރާ ވުމަކީ ގަދަވެގެންވާ ސުއްނަތެއް ކަމަށް ވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
ހެއު ހައްޖަކަށް ތައްޔާރުވުުމަށް ހުތުބާ ގޮވާލި ކަންތައްތަކުގެ ތެރޭގައި ތިމާގެ ދަރަންޏާއި، ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމަކީ މުހިންމުކަމެކެވެ. ޚާއްޞަކޮށް، ހައްޖަށް ކުރެވޭ ހުރިހާ ހަރަދެއް ހަލާލު ގޮތުގައި ހޯދި މުދަލާ ފައިސާ އިން ކުރުން ހިމެނެއެވެ.
ހެއު ހައްޖެއް ވެވިއްޖެ ކަމުގެ ޢަލާމާތެއްގެ ގޮތުގައި ހުތުބާ ފާހަގަ ކޮށްފައިވަނީ، ހައްޖަށް ފަހު ތިމާގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، ﷲ ސުބްހާނަހޫ ވަތަޢާލާ މަނާ ކުރެއްވި ކަންކަމުން ދުރުވެ، ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވާ ދިރިއުޅުމެއް ވޭތު ކުރުމެވެ.





