ފ. ފީއަލީގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އައި ބިދޭސީ މީހާ މަރުވެއްޖެ އެވެ.
ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ، މުޅި ސަރަހައްދަށް ފެތުރުނު ބޮޑު އަލިފާނުގެ ހާދިސާގައި ފިހުނީ އެ ދޯނީގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް މީހެއް ކަމަށްވާ ޑެލޯވާ އެވެ. އެއީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.
އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަޒުގަ އެވެ. ހަމަ އެ ދުވަހު އިތުރު ފަރުވާއަށް ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ފަހުން މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދިޔަ އެވެ. ނިލަންދޫ ހޮސްޕިޓަލުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑުގެ 60 ޕަސެންޓް ވަނީ ފިހިފަ އެވެ.
އޭނާ މި މަހުގެ 4 ވަނަ ދުވަހު މަރުވެފައިވާ ކަން އައިޖީއެމްއެޗް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ނިންމާލެވިފަ އެވެ.
ތެޔޮ ދޯނީގައި އަލިފާން ރޯވީ ދޯނީގެ ޕަމްޕު ސްޓާޓްކުރަން ހިފިތަނާ ހުޅު ހިފައިގެންނެވެ. ތިން ގަޑިއިރެއްހާ ތެރޭ އަލިފާންގަނޑު ކޮންޓްރޯލްވިއިރު ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ އެވެ. ހުޅު ހިފި ތެޔޮ ދޯންޏާ ޖެހިގެން ހުރި ދެ ފާނައިގެ މަސްވެރިކަމުގެ ދޯނި، ފަހުން ބަނދެ ދާދި ފަހުން ފޭބި ފައިބަރު ދޯންޏެއް، އަދި ބަނދަރު ސަރަހައްދުގައި ހުރި ރަށުގެ އައިސްޕްލާންޓް ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ.





