އެމެރިކާގެ ހުށަހެޅުންތައް މިދަނީ ދިރާސާ ކުރަމުންދާ: އީރާން

އެމެރިކާގެ ހުށަހެޅުންތައް މިދަނީ ދިރާސާ ކުރަމުންދާ: އީރާން

އީރާނާއެކު ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުންތައް މުތާލިއާ ކުރަމުންދާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އެ ހުށަހެޅުމާ ގުޅިގެން ވަކި ގޮތެއް ނިންމައި، ދެ ގައުމުގެ ދެމެދު މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް ވަކި ގޮތެއް އަންގާފައި ނުވާ ކަމަށެވެ. ހުށަހެޅުމުގައި ހުރި ކަންކަމާ މެދު ގޮތްތަކެއް ނިންމުމަށްފަހު، ޕާކިސްތާނާ ހިއްސާ ކުރާނެ ކަމަށް ބަޣާއީ ވިދާޅުވި އެވެ. ޓްރަމްޕާއި ބަޣާއީ ވެސް ހުުށަހެޅުމުގައި ހިމެނޭ ތަފްސީލެއް ހާމަ ކުރައްވާފައެއް ނުވެ އެވެ.

ވައިޓްހައުސްގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، އީރާނުން މަޝްވަރާ ކޮށް އެއްބަސްވުމެއް ގާއިމް ކުރަން ބޭނުންވާ ކަމަށެވެ. އިތުރަށް ވިދާޅުވީ، އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދެއްވާނެ ކަމަށާއި، ދެ ފަރާތަށް ރުހެވޭ އެއްބަސްވުމަކަށް ވާސިލްވެވޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

ބުދަދުވަހު، އީރާނުގެ ދިދައިގެ ދަށުން ދަތުރުކުރި ތެޔޮ ޓޭންކަރެއް ހޮރްމުޒް ކަނޑުއޮޅިއަށް ވަނުމަށް ދަތުރުކުރަން އުޅެނިކޮށް، އެމެރިކާގެ ކަނޑުގެ އަސްކަރީ އުޅަނދަކުން ހުއްޓުވި އެވެ. ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.

މީސްމީޑިއާގައި ޓްރަމްޕު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން އެއްބަސްވި ކަންކަން ފޯރުުކޮށްދީފި ނަމަ ހަނގުރާމަ ނިންމައިލެވި، ހޮރްމުުޒް ކަނޑުުއޮޅި ހުރަސްކޮށް ދަތުުރުކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް، "އެގޮތަށް އީރާނުން އަމަލު ނުުކޮށްފި ނަމަ ބޮން އަޅަން ފަށާނެ. ދެން ބޮން އަޅާ ވަގުުތު އަޅާނީ ކުރިއަށްވުރެ ގިނައިން، އެއަށްވުުރެ ބާރުުގަދަ ކޮށް،" ޓްރަމްޕު ލިޔެފައިވެ އެވެ.

މީގެ ދުވަހެއް ކުރިން، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް ހިންގި ހަނގުރާމައިގެ އަމަލީ މަރުހަލާ ނިމިފައިވާ ކަމަށެވެ. ދެން އިސްކަންދޭނީ ހޮރްމުޒް ކަނޑުުއޮޅި ހުުޅުުވައިލުމަށް ހިންގާ ދިފާއީ މިޝަނަށް ކަމަށާއި، ދެން ހަމަލާ ދޭނީ ހަމައެކަނި، މަދަނީ ނުވަތަ އެމެރިކާގެ ބޯޓުފަހަރަށް އީރާނުގެ ހަމަލާތަކެއް އަމާޒުުވާ ހާލަތެއް ދިމާވެއްޖެ ނަމަ ކަމަށް ވެސް ވިދާޅުުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *