ރޭ ބަޔާން މިއުނިކްގެ ދަނޑުގައި ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގު 1-1 ގެ ނަތީޖާއިން އެއްވަރުކޮށް، މުބާރާތުގެ ފައިނަލުގެ ޖާގައެއް ފްރާންސްގެ ޕީއެސްޖީން ކަށަވަރުކޮށްފި އެވެ.
ދެ މެޗުގެ އެގްރިގޭޓް 5-6 ގެ ނަތީޖާއިން ޕީއެސްޖީ ފައިނަލަށް ދަތުރުކުރިއިރު، އެ ކުލަބަކީ މިދިޔަ އަހަރުގެ ވެސް ޗެމްޕިއަނުންނެވެ.
މި މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ ރެފްރީގެ ފަރާތުން ޕީއެސްޖީއަށް ފައިދާވާ ގޮތަށް ނިންމި ނިންމުންތަކެވެ. ޕީއެސްޖީގެ ގޯލު އޭރިޔާ ތެރެއިން ވިޓީނިއާ ސާފުކޮށްލަން ފޮނުވާލި ބޯޅަ، އެ ޓީމުގެ ނެވެސްގެ އަތުގައި ފާޅުކަން ބޮޑު ގޮތެއްގައި ޖެހުނު ނަމަވެސް، ރެފްރީ ކުރިމަތީގައި ހިނގި މި ހާދިސާގައި ހޭންޑްބޯލް ނޫން ކަމަށް ރެފްރީ ނިންމި އެވެ. ބަޔާންއަށް ލިބެންޖެހޭ ޕެނަލްޓީ ދީފައި ނުވުމުން، ފުރަތަމަ ހާފު ވަރަށް ބޮޑަށް ހޫނުވެގެންދިޔަ އެވެ. މެޗުގެ ކުރީކޮޅު ހިނގި ހާދިސާއެއްގައިވެސް ރެފްރީ ނިންމީ ހޭންޑްބޯލް ނޫން ކަމަށެވެ.
ދެވަނަ ހާފުގައިވެސް ބަޔާންއާ ދެކޮޅަށް ރެފްރީގެ ނިންމުންތައް ފެނިގެންދިޔަ އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ބަޔާންގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، ރެފްރީ އެ ކަމަށް ގޮތެއް ނުނިންމަ އެވެ.
ލަނޑުތަކަށް ބަލާއިރު، 3 ވަނަ މިނެޓުގައި ކްވަރަޓްސްކޭލިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީ ކުރި ހޯދީ އޮސްމާން ޑެމްބެލޭ ޖެހި ލަނޑުންނެވެ. ބަޔާންގެ ގޯލު ޖަހައިދިނީ، މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ޑޭވީސް ތަނަވަސްކޮށްދިން ފުރުސަތަކުން ހެރީ ކޭންނެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ޕީއެސްޖީ މިއަހަރުގެ ފައިނަލުގައި ވާދަކުރާނީ އިނގިރޭސި ކުލަބު އާސެނަލްއާ އެވެ. ފޯރިގަދަ މި ފައިނަލް ކުޅުމަށް ތާވަލުކުރެވިފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.





