ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސްގެ ދެކަނބަލުން ތިން ދުވަހުގެ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތީ، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވެވި ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާ ކުރައްވައި، ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވެ އެވެ. ހަމައެއާ އެކު، ލަންކާގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމުގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ރައީސްގެ ދެކަނބަލުން ބައްދަލުކުރެއްވި އެވެ. ރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގަ އެވެ.





