އެމެރިކާގެ ޕެންސިލްވޭނިއާގެ ޕިޓްސްބާގްގައި ހުންނަ "ޓްރިނިޓީ އެޕިސްކޯޕަލް ކެތީޑްރަލް" ގެ އިސް ފާދިރީ (ޑީން)، ދަ ވެރީ ރިވަރެންޑް އޭޑަން ސްމިތު، ވޯލްމާޓް ފިހާރައަކުން 1،000 ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ބޭސްބޯލް ކާޑު ވަގަށް ނެގި މައްސަލައެއްގައި ފުލުހުން ހައްޔަރު ކޮށްފިއެވެ.
އުމުރުން 42 އަހަރުގެ އޭޑަން ސްމިތު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު، ޕިޓްސްބާގް ކައިރީގައި އޮންނަ އިކޮނޮމީ ބަރޯގެ ވޯލްމާޓް ފިހާރައިން ނުކުންނަނިކޮށެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ވަނީ 27 ޕެކެޓް ބޭސްބޯލް ކާޑު ހެދުމުގެ އެތެރޭގައާއި ފޮށިގަނޑެއްގެ ތެރޭގައި ފޮރުވައިގެން ފިހާރައިން ބޭރަށް ގެންދަން މަސައްކަތްކޮށްފައެވެ.
ފިހާރައިގެ ސެކިއުރިޓީ ކެމެރާތަކުން ދައްކާ ގޮތުގައި، ހައްޔަރުކުރި ދުވަހުގެ ކުރިންވެސް ޖެހިޖެހިގެން ހަތަރު ދުވަހު އޭނާ ވަނީ އެ ފިހާރައަށް ގޮސް ފައިސާ ނުދައްކާ ކާޑުތައް ވަގަށް ނަގާފައެވެ. މިގޮތުން ޖުމްލަ 1،099.99 ޑޮލަރު (ގާތްގަނޑަކަށް 17،000 ދިވެހި ރުފިޔާ) ގެ މުދާ އޭނާ ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު، އޭޑަން ސްމިތު ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދީފައެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް ވަނީ ފައްޅިއަށް ނިސްބަތްވާ އަގުބޮޑު އާސާރީ ތަކެތި އަމިއްލައަށް އީބޭ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުވެސް ކުރެވިފައެވެ. މީގެ ތެރޭގައި 1912 ވަނަ އަހަރު ޓައިޓޭނިކް އަޑިއަށް ދިއުމާ ގުޅިގެން ބޭއްވި ހަނދާނީ ޖަލްސާއެއްގެ ޕްރޮގްރާމަކާއި، ރިހި ތަށިތަކެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން މިހާރު ވަނީ އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ އުފުލާފައެވެ. އޭނާ މިވަގުތު ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި ނަމަވެސް، ކޯޓު މަރުހަލާ ކުރިއަށްދާނެއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ދީނީ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ފައްޅީގެ އަހުލުވެރިންނަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.





