ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސިލްސިލާ އެއްވުންތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރު ވަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ހަރުކަށި އިންޒާރެއް ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، ޢަމަލުތައް ހުއްޓާނުލައިފިނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ހުއްދަކުރެވޭ ދާއިރާއިން ބޭރުގައި މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ބައްދަލުވުންތަކާއި ޙަރަކާތްތައް ބޭއްވުމަކީ ސުލޫކީ މިންގަނޑާ ސީދާ ޚިލާފު ޢަމަލެއް ކަމަށެވެ.
އޭގެ އިތުރުން، ސިޔާސީ ޕާޓީތަކުން ހުރިހާ ޙަރަކާތްތަކެއް ވެސް ހިންގަންވާނީ ޞުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު ތެރޭގައި ކަމަށް ކޮމިޝަނުން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.
ކޮމިޝަނުން ވަނީ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޕީއެންއެފްއާ ސީދާ މަޝްވަރާ ކުރުމަށް ދަޢުވަތު ދީފައެވެ. ނަމަވެސް، ޕީއެންއެފްއިން ކޮމިޝަނަށް ހާޒިރުވުމަށް އުޒުރު ދައްކައި ދެކޮޅު ހަދާފައިވާ ކަމަށް ކޮމިޝަނުން ހާމަ ކޮށްފައިވެއެވެ. ކޮމިޝަނުން ވަނީ، ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރު ވަމުންދާ ނަމަ ރަސްމީ ފިޔަވަޅުތަކާ ނުލައި ދޫ ނުދޭނެ ކަން ހަނދާންކޮށްދީފައެވެ.





