މަދިރިއަކީ އިންސާނުންނަށް އެންމެ ނުރައްކާތެރި އެއް ދިރޭ އެއްޗެވެ. އެއީ އެ ސޫފިތަކުގެ ސަބަބުން ފެތުރޭ މެލޭރިއާ، ޑެންގީ އަދި ޒިކާ ފަދަ ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު އެތައް ލައްކަ ބަޔަކު މަރުވާތީއެވެ. ދާދި ފަހުން ސައިންސްވެރިން ވަނީ މަދިރި އިންސާނުން ހޯދައި، ހަމަލާދިނުމަށް ބޭނުންކުރާ އުކުޅުތަކާ ގުޅޭގޮތުން މުހިންމު ހޯދުންތަކެއް ހޯދާފައެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ސައިންސްވެރިން މި ދިރާސާ ކުރިއަށް ގެންދިޔައީ އެފްރިކާގެ ޒެމްބިއާގައެވެ. މި ދިރާސާގައި ބޭނުންކުރީ 20 މީޓަރުގެ ބޮޑު "ފްލައިޓް އެރީނާ" އެކެވެ. މިއީ މަދިރީގެ އުޅުން އޭގެ ގުދުރަތީ މާހައުލުގައި ހުންނަ ގޮތަށް ބެލުމަށް ހެދި ބޮޑު ދާގަނޑެކެވެ. ސައިންސްވެރިން ވަނީ އިންފްރާރެޑް ކެމެރާތައް ބޭނުންކޮށްގެން، އެތައް ހާސް މަދިރިއެއްގެ ދަތުރުގެ މަގު ތަހުލީލު ކޮށްފައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި މަދިރި އިންސާނުން ހޯދަނީ ތިން މަރުހަލާއެއްގެ މައްޗަށް ބިނާވެގެންނެވެ. އިންސާނުން ނޭވާލާއިރު ބޭރުކުރާ ކާބަން ޑައިއޮކްސައިޑަކީ މަދިރި ވަރަށް ދުރުންވެސް ދެނެގަންނަ އެއްޗެކެވެ. މިއީ މަދިރި އިންސާނާ ހުރި ދިމާލަށް ދަތުރުކުރަން ފަށާ ފުރަތަމަ އިޝާރާތެވެ.
މަދިރި ކައިރިވުމުން، އިންސާނާގެ ހަށިގަނޑުން ބޭރުވާ ވަސްތަކަށް ބަލައެވެ. ހާއްސަކޮށް ހަންގަނޑުގައި ހުންނަ ބައެއް ކަހަލަ އެސިޑްތަކާއި ބެކްޓީރިއާގެ ސަބަބުން އުފެދޭ ވަހަކީ ބައެއް މީހުން "މަދިރި މެގްނެޓް" އަކަށް ހަދާ ސަބަބެވެ.
މަދިރި ވަރަށް ކައިރިވުމުން، އިންސާނާގެ ހަށިގަނޑުން ބޭރުވާ ހޫނުކަން ބޭނުންކޮށްގެން ލޭ ބުއިމަށް އެންމެ ރަނގަޅު ދިމާލެއް އެ ސޫފިތައް ހޯދައެވެ.
ބައެއް މީހުންގެ ގައިގައި ގިނައިން މަދިރި ހަފަނީ ކީއްވެ؟
މި ދިރާސާއިން އެނގުނު ގޮތުގައި މަދިރި އެންމެ ގިނައިން ދަނީ "ކާބޮކްސިލިކް އެސިޑް" ގިނައިން ބޭރުކުރާ މީހުންގެ ގާތަށެވެ. މިއީ އިންސާނާގެ ހަންގަނޑުގެ ތެޔޮކަން ހިފެހެއްޓުމަށް އުފައްދާ މާއްދާއެކެވެ. އަދި ޔޫކަލިޕްޓަސް ފަދަ ވަސްތައް ހުންނަ މީހުންގެ ގާތަށް މަދިރި ދިއުން މަދުކަންވެސް ފާހަގަކުރެވުނެވެ.
މި ދިރާސާގެ ސަބަބުން މަދިރި ކޮންޓްރޯލް ކުރުމަށާއި، މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް އާ އުކުޅުތަކާއި ވަސީލަތްތައް އުފެއްދުމަށް މަގުފަހި ވެގެން ދާނެއެވެ. ހާއްސަކޮށް، މަދިރި އޮޅުވާލާ ފަދަ ވަސްތައް ބޭނުން ކޮށްގެން އާ ފަންނުގެ މަދިރި ކޮންޓްރޯލް ކުރާ ސިސްޓަމްތައް އުފެއްދުމަށް މި މައުލޫމާތު އެހީތެރިވާނެއެވެ





