އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލް ވަނީ ފުލަމް 3-0 ން ބަލިކޮށް ލީގު ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ ސަޕޯޓަރުން ކުރިމަތީ ކުޅުނު މި މެޗުގައި ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފު ތެރޭގަ އެވެ. ގޯލު ހުޅުވާލީ 9 ވަނަ މިނިޓުގައި ވިކްޓޯ ޔޯކެރެޝް، ބުކަޔޯ ސަކާ ދިން ޕާހަކުންނެވެ. ދެ ވަނަ ލަނޑު 40 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ސަކާ އެވެ. ހާފު ނިމުމުގެ ކުރިން އިތުރު ވަގުުތުގައި ޔޯކެރެޝް ދެ ވަނަ ލަނޑު ޖަހައި ނަތީޖާ 3-0 ށް ބަދަލުކޮށްދިނެވެ.
ލީގު ތާވަލަށް ބަލާލާއިރު، އާސެނަލް އިން މިހާތަނަށް ކުޅެފައިވާ 35 މެޗުން އެ ޓީމަށް ވަނީ 76 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 33 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ފުލަމް އަށް 35 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި އާސެނަލް ނިކުންނާނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގަ އެވެ.





