ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ރާއްޖޭގައި މަސައްކަތްކުރާ ދޭސީ އަދި ބިދޭސީ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށް ވިދާޅުވެއްޖެއެވެ.
ރައީސްގެ ހިތާބުގައި ފާހަގަކުރެއްވި އެންމެ މުހިއްމު އެއް ކަމަކީ ޒުވާނުންނާއި ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ސަރުކާރުން ދެއްވާ ހާއްސަ އިސްކަމެވެ. ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކޮށް، ހުނަރުވެރިން ބިނާ ކުރުމަށް ހިލޭ އެހީ އާއި ލުއި ލޯނު ދޫކުރުން ވަނީ އިތުރުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ވިޔަފާރީގެ ދާއިރާ ފުޅާ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ދިވެހި އުފެއްދުންތަކަށް ބައިނަލްއަގްވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުން ޖާގަ ހޯދައިދިނުމަށް ފެށި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުމުގައި ގާބިލު ދިވެހި ކުންފުނިތަކަށް އިސްކަންދޭ ކަމަށްވެސް ހިތާބުގައި ވަނީ ހާމަކުރައްވާފައެވެ.
ރައީސްގެ ހިތާބުގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެވިފައިވާ ކަމަށް ފާހަގަ ކުރައްވާ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތްތައް ފުޅާކޮށް، މުޅިން އަލަށް ސިނާއީ މަސައްކަތްތައް ރާއްޖޭގައި ފަށާފައިވާކަން ފާހަގަ ކުރައްވާފައެވެ.
ހިތާބު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، 2045 ވަނަ އަހަރާ ހަމައަށް ފުދުންތެރި، ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް، ކެރިކުޅަދާނަކަން ހުރި ކޮންމެ ރައްޔިތަކުވެސް އަމަލީ މައިދާނަށް ނުކުތުން ލާޒިމް ކަމަށެވެ. ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.





