ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ފެތުރި ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ގޮތުން ދަޢުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" އިން ދާދިފަހުން އެމަނިކުފާނާ ގުޅުވައިގެން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކާ ގުޅޭގޮތުން އެ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ ޑޮކިއުމަންޓްރީގައި ހިމަނާފައިވަނީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަ ތަކެއް ކަމަށެވެ.
"ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިޢުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދަޢުވާ ކުރަން އަޅުގަނޑު އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، މީގެ ކުރިންވެސް އެ ނޫހުން ވަނީ އެމަނިކުފާނުގެ އަބުރަށް ހުތުރުވާފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައެވެ. އެހެންކަމުން، މި ފަހަރުގެ ޢަމަލަކީވެސް އެފަދަ ރޭވުމެއްގެ ދަށުން ހިންގާފައިވާ ކަމަކަށް ވާތީ، އެކަމާ ހައިރާންވެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން ޤާނޫނީ ފިޔަވަޅު އެޅުމަށް ރައީސް ބާރުއަޅުއްވާފައި ވާއިރު، ސަރުކާރުން ދަނީ ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް ގޮވާލަމުންނެވެ.





