އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި، އެ ގައުމުގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ބައްދަލުކުރައްވައިފިއެވެ.
ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގެ އެންމެ މައިގަނޑު އެއް މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. ޚާއްޞަކޮށް، އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާއަށާއި، ލުބުނާނުގެ އިތުރުން އީރާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، މިކަމަށް އޮތް ހައްލުތަކާ މެދު ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ "ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ޕާޓްނަޝިޕް" އެއްބަސްވުމުގެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. މި އެއްބަސްވުމުގެ ދަށުން އިގްތިސާދީ އަދި ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް ޕޫޓިން މި ބައްދަލުވުމުގައި ވިދާޅުވީ، ރަޝިޔާއާއި އީރާނާ ދެމެދު އޮތް ގުޅުމަކީ ދެ ގައުމުގެ މަސްލަހަތަށްޓަކައި ނުހަނު މުހިންމު ގުޅުމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުން އަބަދުވެސް އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޕޫޓިން ދެއްވިއެވެ. މީގެ އިތުރުން އީރާނުގެ އާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، މިނިސްޓަރު އަރާގްޗީގެ މި ދަތުރުފުޅަކީ ހުޅަނގުގެ ގައުމުތަކުން ދެ ގައުމަށް ކުރިމަތިކުރަމުންދާ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް، ދެ ގައުމުގެ ބާރުވެރިކަން ދެއްކުމަށް ކުރެއްވި ވަރަށް މުހިންމު ދަތުރުފުޅެކެވެ. މި ބައްދަލުވުމުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަމާއި ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.





