މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މާދަމާ އިން ފެށިގެން އެސްޓީއޯގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
ފިޝަރީސް މިނިސްޓްރީން މިއަދު ވިދާޅުވީ، މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ ކަމަށެވެ. މީގެ އިތުރުން "ފަހި ހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ރާއްޖޭގެ އެކި ރަށްރަށުން ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.
ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ރަށްތަކަކީ:
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ބ. އޭދަފުށި
- ފ. ނިލަންދޫ
- ކ. ހިންމަފުށި
- ރ. ދުވާފަރު
- ދ. ކުޑަހުވަދޫ
- ޅ. ފެލިވަރު
- ގއ. ކޫއްޑޫ
- ފުވައްމުލައް
- އައްޑޫ ސިޓީ ހުޅުމީދޫ
- ހުޅުމާލެ ޖެޓީ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ގެނައި ބަދަލާ އެކު، އެސްޓީއޯ އިން މިހާރު ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 17.54 ރުފިޔާއަށެވެ.
ސަރުކާރުން މި ނިންމުން ނިންމާފައި މިވަނީ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަހަށް ނުފުރާ ދޯނިތައް ގިނަވެ، ބާޒާރުގައި މަހުގެ ބާވަތްތައް ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވެ، މަސް އުފައްދާ މިންވަރަށް އަސަރުކުރުމުގެ ސަބަބުން މިފްކޯގެ ފިހާރަތަކުން އިއްޔެ ވަނީ ވަޅޯމަސް ވެސް ހުސްވެފައެވެ.
ބޮޑު އަގުގައި ތެޔޮ ގަނެގެން މަސްވެރިކަމަށް ނުކުތުމަކީ ބޮޑު ގެއްލުމެއް ކަމަށް ބުނެ، ހާއްސަކޮށް އުތުރުގެ މަސްވެރިން މަހަށް ނުފުރާ ތިބި ކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވެސް ވަނީ ފާޅުކޮށްފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖެއަށް ތެލުގެ ދަތިކަން ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.
ސަރުކާރުގެ މި ނިންމުމާއެކު މަސްވެރިންނަށް ތެލުގެ ޚަރަދު ކުޑަވެ، މަސްވެރިކަން އަލުން އިއާދަވެގެންދާނެ ކަމަށް ބެލެވެއެވެ.





