ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ، އެންމެ ގާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ 134 ވަނަ ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރިންނެއް ކަމަށެވެ. އަދި އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހި ސިފައިންނަކީ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ، އެންމެ ގާބިލް ލަޝްކަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ރެޔާއި ދުވާލު ސިފައިން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ހަމަ އެއާއެކު، 134 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނަށާއި ސިފައިންގެ ހުރިހާ އާއިލާތަކަށް ރައީސް ވަނީ އަރިސްކުރައްވާފަ އެވެ.
ރަސްމީގޮތެއްގައި ދިވެހި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ދުވަހުއެވެ. މިއާއެކު ކޮންމެ އަހަރެއްގެވެސް އެޕްރީލްމަހުގެ 21 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.
ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ. އެގޮތުން، މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.





